ސެމީގެ ފުރަތަމަ ޖާގަތައް އެފްއެޗްޓީއެސް އާއި ކްލިކް ކޮލެޖަށް

ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން: އެފްއެޗްޓީއެސް އާއި ކްލަކް ކޮލެޖުން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އެމްއެންޔޫއެސްޔޫ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީގެ ފުރަތަމަ ޖާގަތައް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އާއި ކްލިކް ކޮލެޖުން ހޯދައިފިއެވެ.

މާފަންނު ވެލި ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީގެ ޖާގަތައް އެފްއެޗްޓީއެސް އާއި ކްލަކް ކޮލެޖުން ހޯދާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ ބިޒްނަސް ސްކޫލު އަތުން އެފްއެޗްޓީއެސް މޮޅުވީ 1-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެފްއެޗްޓީއެސްގެ ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަބްދުލް ވާހިދު އިބްރާހީމެވެ. އަދި ބިޒްނަސް ސްކޫލުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާޖިދު އަބްދުލް ގަފޫރެވެ.

ކްލިކް ކޮލެޖާއި މެޕްސް ކޮލެޖް ބައްދަލުކުރި ކުއާޓާގެ ދެވަނަ މެޗުގެ ފުރިހަމަ ވަގުތު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި މެޕްސްއިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝުޖާއުއާއި ނާއިފް މުހައްމަދެވެ. އަދި ކްލިކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިފް މުސްތަފާ އާއި އިބްރާހިމް ހަސީބެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މެޕްސްގެ މައްޗަށް ކްލިކް ކުރި ހޯދީ 2-4 ލަނޑުގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލިކްގެ ނަސީތު މުހައްމަދެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ އެ ފުޓްސަލް މުބާރާތުގައި މި އަހަރު ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި މުއައްސަސާތަކަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމްލަ 18 ޓީމެއް ވާދަކުރެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ފެއާޕްލޭ ޓީމަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް