ކަމަދޫ ބައި-އިލެކްޝަނުން ދައްކުވައި ދިނީ މުޅި ރާއްޖޭގެ ބަސް: ނަޝީދު

ކަމަދޫގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިންގެ ތެރެއިން --- ފޮޓޯ/ މަހުލޫފް

މިއަދު ބޭއްވި ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުން ދައްކުވައި ދިނީ އެރަށު ރައްޔިތުން ދެކޭ ގޮތް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭ ދެކޭ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ކަމަދޫ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓު އަލީ ނާއިޒާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީން އެ ގޮނޑިއަށް ވާދަކުރި އަހުމަދު ސާޖިދެވެ.

ބައި އިލެކްޝަނުން އެމްޑީޕީން ކާމިޔާބު ކުރުމާއެކު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކަމަދޫގެ ވޯޓުން ރަމްޒު ކޮށްދިނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށެވެ. އެއީ މުޅި ރާއްޖޭގެ ބަސް ކަމަށެވެ.

ކަމަދޫ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓުގެ މައްޗަށް އެމްޑީޕީން ކުރި ހޯދީ 27 ވޯޓުގެ ތަފާތުންނެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ސާޖިދަށް ލިބިފައިވަނީ ޖުމްލަ 169 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ނާއިޒަށް ލިބުނީ 142 ވޯޓެވެ.

ކަމަދޫގައި ބަހައްޓާފައި ހުރި ފޮށިން އެމްޑީޕީގެ ކެންޑިޑޭޓަށް 119 ވޯޓު ލިބިފައިވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 84 ވޯޓެވެ. އަދި މާލޭގައި ބަހައްޓާފައި ހުރި ފޮށިން އެމްޑީޕީގެ ކެންޑިޑޭޓަށް 51 ވޯޓު ލިބިފައިވާއިރު، އެ ފޮށިން ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 58 ވޯޓެވެ.

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި 338 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، ވޯޓުލާފައި ވަނީ 315 މީހުންނެވެ.

comment ކޮމެންޓް