ބޮޑު ތަފާތަކުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

ނޭޕާލްގައި ކުރިއަށްދާ 15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމު: އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 9-0 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ 15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޮޑު ތަފާތަކުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެފައިވަނީ 9-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އެ މެޗަކީ މުބާރާތުގައި އިންޑިއާ އަދި ރާއްޖެ ވެސް ކުޅުނު ފުރަތަމަ މެޗެވެ.

ގްރޫޕް ބީގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި އިންޑިއާއަށް ރަވީ ބަހަދުރް ރާނާ ލީޑު ހޯދައިދިންއިރު، އޭގެ މިނެޓެއް ފަހުން ފެނުނު ލަނޑަކީ ރާއްޖޭގެ މުހައްމަދު ފައިހާން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ 26 ވަނަ މިނެޓުގައި އިންޑިއާގެ ތިންވަނަ ލަނޑު އެ ޓީމުގެ ރަވީ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އިންޑިއާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތޯއިބާ ސިންހްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމަކާއެކު އިންޑިއާއިން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ރަވީ ވަނީ އިންޑިއާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ރިކީ ޖޯން ޝަބޮންގް އިންޑިއާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އިންޑިއާގެ ހަތްވަނަ ލަނޑު ލަނޑު ކާމިޔާބުކޮށްދިނީ ވިކްރަމްއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އިންޑިއާގެ އަށްވަނަ ލަނޑު ލާލްރޮކީމާ ކާމިޔާބުކޮށްދިންއިރު، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ފެނިގެންދިޔަ އިންޑިއާގެ ނުވަވަނަ ލަނޑަކީ ރާއްޖޭގެ ފައިހާން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އެ މުބާރަތުގައި ރާއްޖެ ލައްވާލާފައި ވަނީ މުބާރަތް ބާއްވާ ނޭޕާލާއި އިންޑިއާއެކު ގްރޫޕް ބީގައެވެ. ގުރޫޕް އޭގައި އޮތީ ބަންގްލަދޭޝްއާއި ބޫޓާނާ އަދި ސްރީ ލަންކާއެވެ. މުބާރާތުގައި ރާއްޖެ ތަމްސިލުކުރާ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު މުހައްމަދު ޝާޒްލީއެވެ.

މި މަހުގެ 18-27 އިން ފެށިގެން ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ނޭޕާލްއާ ދެކޮޅަށެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ 15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ސްރީ ލަންކާގައި ކޭމްޕްކޮށް ދެ މެޗު ކުޅެފައިވެއެވެ. ލަންކާއާ ދެކޮޅަށް ކުޅުނު އެ ދެ މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ މޮޅުވެފައެވެ.

comment ކޮމެންޓް