ކާމިޔާބު ޝޯތަކަކަށް ފަހު "ނޯޓީ40" ޝްވެކަށް!

ދިވެހި ފިލްމު ނޯޓީ40 އޯގަސްޓް 18 އިން ފެށިގެން ޝްވެކް ސިނަމާގައި ދައްކަން ފަށާނެ -- ފޮޓޯ: ފޭސްބުކް

މި މަހުގެ ދެ ވަނަ ދުވަހު އޮލިމްޕަހުގެ ސްކްރީންގައި ޕްރިމިއަރ ކުރި، ދިވެހި ފިލް ނޯޓީ40ގެ ކާމިޔާބު ޝޯތަކަށް ފަހު އެ ފިލްމް މިވަނީ އޮލިމްޕަހުން ނަގައިފައެވެ. އެހެން ނަމަވެސް ފިލްމަށް އޮތް ތަރުހީބު ކުޑަތަންކޮޅެއް ވެސް ފަނޑު ނުވާކަމަށް ނޯޓީ40ގެ ޓީމުން ބުނެއެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް އުފައްދާފައިވާ، ހެއްވާ، މަޖާ ލޯބީގެ ފިލްމު ނޯޓީ40 ދެއްކުން މިހާ ހިސާބުން ނިމުމަކަށް އައީކީ ނޫނެވެ. މި ފިލްމު ބަލައިލާން ކެތް މަދުވެފައި ތިބި އެތައް ބަޔަކު އަދިވެސް ތިބުމާއެކު ނޯޓީ40ގެ ޓީމުން މިހާރު ވަނީ، މި އަންނަ ހުކުރު ވިލޭ ރޭން ފެށިގެން ޝްވެކް ސިނަމާގައި އެ ފިލްމު އެޅުވުމަށް ނިންމައި މިހާރު ޓިކެޓްވެސް ވިއްކަން ފަށައިފައެވެ.

ދިވެހިފިލްމު ނޯޓީ40ގެ ޕޯސްޓަރެއް-- ފޮޓޯ: ފޭސްބުކް

ހުކުރު ދުވަހުގެ ރޭ 8:30 އިން ފެށިގެން، މާލެއާއި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގެ ސްކްރީނަށް މި ''ފައްކާ'' ފިލްމު އަންނަ އިރު، ފިލްމުގެ ޓިކެޓް ވިއްކާނީ ޝްވެކުން ކަމަށް ނޯޓީ40ގެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.

"އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ނިމިގެން ދިޔައީ. އެންމެ ފަހު ޝޯ ރޭ ނިންމާލީ ހަމަ ހައުސްފުލްކޮށް،" ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުންޏެވެ.

ޝަފީގު ބުނީ، ޝްވެކް މާލޭ ސިނަމާއާއި ހުޅުމާލޭ ސިނަމާގައި ހުކުރު ދުވަހުގެ ރޭން ފެށިގެން ކޮންމެ ރެއެއްގެ 8:30އިން ފެށިގެން މި ފިލްމު ދެއްކުމަށް ހަމަޖެހިފައި ވާއިރު، އަޅުވާނީ ޖުމުލަ ކިތަށް ޝޯކަން އަދި ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތަރުހީބު ލިބެމުން ދާތީއާއި އަދި ޝްވެކްގައިވެސް މި ފިލް ބަލައިލަން ބޭނުންވާ ގިނަ ބަޔަކު ތިބުމުން، ވީހާވެސް ގިނަ ޝޯތަކެއް ބޭއްވުމަށް އަދި ނިންމާފައި އޮތީ. ފަހަރެއްގަ ހަމަ މަހެއްހާ ދުވަހު ކުރިއަށް ގެންދާގޮތަށް."

ނޯޓީ40ގައި ޖުމުލަ 18 ތަރީން ހަރަކާތްތެރިވާއިރު، މި ފިލްމު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޕްރޮމޯޓްކޮށްފައި ވަނީ "އަހަރުގެ ބޮޑު ފިލްމު"ގެ ގޮތުގައެވެ. ހަގީގަތުގައި ވެސް މި ފިލްމަށް މިހާރުވެސް ގިނަބައެއްގެ ތަރުހީބު ލިބެމުން ދާކަމީ މިފަދަ ފިލްމުތަކަށް ދިވެހި އޯޑިއަންސް ބޭނުންވެފައި ތިބި މިންވަރެވެ.

މި ފިލްމަށް ބަލާއިރު ފިލްމުގެ ތިން ލީޑް އެކްޓަރުން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު އަދި އަހްމަދު ސައީދަކީ ޅަދުވަސްވަރުންސުރެ ވަރަށް ގާތް ތިން ރަހްމަތްތެރިންނެވެ. މަނިކުގެ ކެރެކްޓާއަކީ ތަނަވަސް އަދި މަޖާ މިޒާޖެއްގެ މީހެކެވެ. ސައީދަކީ ދިރިއުޅުމުގައި ތަފާތުއެކި ކަންތައްތައް ފެނިފައިހުރި އަދި މިޒާޖުގައި ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހޭ މީހެކެވެ. ޔޫއްޕެއަކީ ތިން ރަހްމަތްތެރިންގެ ތެރެއިން އެންމެ ހެޔޮވިސްނޭ އަދި ސީރިއަސް ކެރެކްޓާއެވެ.

ނޯޓީ ފޯޓީ ގެ މަންޒަރެއް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިތިން ރަހްމަތްތެރިންނަކީވެސް 40ގެ އަހަރުތަށް ގުނަމުންދާ ނަމަވެސް، ހަމަ ސާދަފަނަރައިގެ ޒުވާން ހިތްތަކެއްގެ ވެރި ބައެކެވެ. ޒުވާން ޖިންސުއްލަތީފުންނަށް ހަނާއަޅާ އެމީހުންނާ މައްލަވަކޮށް ވާހަކަދައްކައި ރަހްމަތްތެރިކަން ބާއްވަން ބޭނުންވާ ތިންމީހުންނެވެ.

މީގެ އިތުރުން އަލީ ސީޒަން އާއި ނިއުމާ މުހައްމަދުގެ ރޯލަކީވެސް ފިލްމުގައި ވަރަށް ތަފާތު، މުހިއްމު ރޯލެކެވެ.

ޖުމްލަ ފަސް ލަވަ ހިމެނޭ ކޮމެޑީގެ އިތުރުން އެހެނިހެން ރަހަތައް ހިމެނޭ "ނޯޓީ 40"އިންް ފެނިގެންދާ އިތުރު ތަރީންގެ ތެރޭގައި މަޝްހޫރު ބަޠަލާ މަރިޔަމް އައްޒަ އާއި ފާތިމަތު އާޒިފާ (އަޒޫ)، އިބްރާހިމް ޖިހާދް (ޖިމީ) އަދި މުހައްމަދު ރިފްޝާން (ރިއްޕެ) އަދި ދިވެހި ފިލްމު "މަލިކާ" އިން ފިލްމީ އިންޑަސްޓްރީއަށް ތައާރަފްވެގެން ދިޔަނުޒުހަތް ޝުއައިބް (ނުޒޫ)އާއި "ވާށޭ މަށާ އެކީ" އިން ފެނިގެންދިޔަ ބިދޭސީ ތަރި މާރިއާ ތެރީސާވެސް ހިމެނެއެވެ.

އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވެގެންދާ ބައެއް ތަރިންގެ ތެރޭގައި ލިއާމް އާދަމް (އެލްޖޭ)، އަހްމަދު ޝަރީފް (އަންމު)، ގުލިސްތާން (ގުލީ) ހިމެނެއެވެ. ހަމައެހެންމެ ގިނަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަލީ ޝާހިދު (ސްޓެޕިން އައްޔަ) ވެސް މި ފިލްމުގައި ވަރަށް މަޖާ ރޯލެއް ކުޅެފައި ވެއެވެ.

ޝަފީގު ބުނީ، ނޯޓީ40ގެ ޝޯތައް ކުރިއަށް ދަނީ ހަމައެކަނި މާލޭގައި ނޫންކަމަށާއި މިހާރުވެސް އަތޮޅުތެރޭގެ ގިނަ ރައްތަކަކާއި އަދި ބައެއް ރިސޯޓްތަކުގައި ވެސް މި ފިލްމު އަޅުވަމުން ދާކަމަށެވެ.

comment ކޮމެންޓް