ޔުނައިޓެޑަށް އެނބުރި އައީ ޕްރިމިއަރ ލީގު ކާމިޔާބުކުރަން: ޕޮގްބާ

މެންޗެސްޓަރ ޔުނައިޓެޑްގެ ފްރެންޗް ފޯވާޑް ޕައުލް ޕޮގްބާ -- ފޮޓޯ: ގެޓީ

މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި އައީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަން ކަމަށް ޕައުލް ޕޮގްބާ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ފްރާންސް މިޑްފީލްޑަރު އެންމެ ފުރަތަމަ މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަށްފަހު، 2012 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވިއެވެ. އަދި ހޯޒޭ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމަށް ފަހު، 2016 ވަނަ އަހަރު އެޓީމަށް ޕޮގްބާ އަލުން ގެނައީ އޭރު ދުނިޔޭގެ ރެކޯޑް ޓްރާންފަރ ފީއެއް ކަމަށްވާ 105 މިލިއަން ރޫރޯއަށެވެ.

މިހާރު ޕޮގްބާގެ އަމާޒަކީ، ލީގު ޗެމްޕިއަން ޗެލްސީއާއި، ޔުނައިޓެޑާ އެންމެ ވާދަވެރި މެންޗެސްޓާ ސިޓީއާ ވާދަކޮށް މިސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމެވެ.

"އަހަރެން މިތަނަށް އައީ ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށާއި އަދި އަހަރެންގެ އަމިއްލަ ނަފްސަށް ވެސް ޗެލެންޖެއް ދިނުމަށް،" އޭނާގެ ހުރިހާ އުންމީދެއް ގުޅިފައި ވަނީ މިސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުން ކަން ހާމަކުރަމުން ޕޮގްބާ ބުންޏެވެ.

"އަހަރެން 2012 ވަނަ އަހަރު މި ކްލަބު ދޫކޮށް ދިޔައިރު، އަހަންނަށް ކުރެވުނު އިހްސާސެއް، މިކްލަބުގައި ހާސިލް ނުކުރެވުނު ކަންތައްތަކެއް އެބަހުރިކަން. އެއީ އޭރު އަހަންނަށް ޔުނައިޓެޑްގެ ފުރަތަމަ 11ގައި ކުޅެން ޖާގައެއް ނުލިބޭ. އެހެންވެ އެނބުރި އައިސް އެކަން ހާސިލްކުރުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް."

ޕޮގްބާ ބުނީ، އިޓަލީގައި އޭނާއަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި އަދި މިހާރު އޭނާ އެހުރީ އެނބުރި އުންމީދުތައް ހާސިލްކުރުމަށް ޔުނައިޓެޑާ ގުޅިފައި ކަމަށެވެ.

ޕްރިމިއަރ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް ނިމިފައި ވާއިރު، ލަނޑުގެ ތަފާތުން ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ މެންޔޫއެވެ. ފުރަތަމަ މެޗުގައި ޕޮގްބާ ލަނޑު ޖަހާފައި ވާއިރު، ވެސްޓްހޭމް އަތުން ޔުނައިޓެޑް މޮޅުވީ 4-0 ލަނޑުންނެވެ.

comment ކޮމެންޓް