ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރުމުން ޒިދާން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑާއި އޭނާގެ ފަރާތުން ފެނުނު ޑިސިޕްލިނަރީ މައްސަލައާ ގުޅިގެން އޭނާއަށް ވަނީ ފަސް މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައި -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރޯޔަލް ފުޓްބޯލް ފެޑެރޭޝަން (އާރްއެފްއެފް)އިން ފަސް މެޗަށް ސަސްޕެންޑް ކުރުމުން އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑްކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ސްޕެނިޝް ސުޕާ ކަޕްގެ ފުރަތަމަ ލެގު މެޗުގައި ރެފްރީ ރިކާޑޯ ޑި ބުރްގޯސް ކޮށްޕާލި މައްސަލައާ ގުޅިގެންނެވެ. އެ ސަސްޕެންޝަނާ ގުޅިގެން މިރޭ ކުޅޭ ސުޕަރ ކަޕްގެ ދެވަނަ ލެގު މެޗުގައި އޭނާއަކަށް ނުކުޅެވޭނެއެވެ.

ރަށުން ބޭރުގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް ފެނިގެންދިޔައިރު، އެ މެޗުން ރެއާލް މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. ރޮނާލްޑޯ އެ މެޗުގައި ރެފްރީ ކޮށްޕާލާފައިވަނީ ދެވަނަ ރީނދޫ ކާޑަކާއެކު އޭނާއަށް ރަތް ކާޑެއް ދެއްކުމާއެކުއެވެ.

ފަސް މެޗުގެ ސަސްޕެންޝަން އިސްތިއުނާފް ކުރުމަށް ރެއާލުން ނިންމާފައިވާއިރު، އެ މައްސަލާގައި ރެއާލަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް އެ ކްލަބުން އުންމީދުކުރެއެވެ. އެ މެޗުގައި ރޮނާލްޑޯއަށް ދެއްކި ފުރަތަމަ ރީނދޫ ކާޑަކީ ލަނޑު ޖެހުމަށްފަހު ޖާޒީ ބޭލުމާއެކު ދެއްކި ކާޑެކެވެ. އަދި ރޮނާލްޑޯއަށް ދެއްކި ދެވަނަ ރީނދޫ ކާޑަކީ ބާސާގެ ޑިފެންޑަރު ސަމުއެލް އުމްޓިޓީ އޭނާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގަސްތުގައި ޕެނަލްޓީ އޭރިޔާ ތެރެއަށް ޑައިވް ކުރީ ކަމަށް ބަލާފައި ރެފްރީ ދެއްކި ކާޑެކެވެ.

"އަހަރެމެން މި މަޑުކުރަނީ ކޮމިޓީގެ ބައްދަލުވުމަށް. އެ ބައްދަލުވުމަށްފަހު އަހަރެމެން އަމަލުކުރަންވީ ގޮތް އެނގިގެންދާނެ. އަހަރެން މިހުރީ ހިތްހަމަނުޖެހިފައި. އަހަރެމެން އެންމެން ވެސް މިތިބީ ހިތްހަމަނުޖެހިފައި. އަހަރެން ރެފްރީންނާ ދިމާލަށް އެއްޗެކޭ ބުނާކަށް ބޭނުމެއް ނޫން. އެކަމަކު އެ ހުރިހާ ކަމެއް ފެންނައިރު...،" ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ރޮނާލްޑޯއަށް ފަސް މެޗު ގެއްލުމަށް ނިންމުމުން ކޮންމެވެސް ކަމެއް އުޅޭކަން އެނގޭ ކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ފަސް މެޗުގެ ސަސްޕެންޝަނަކީ ވަރަށް ބޮޑު އަދަބެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް ރެއާލް ކުޅޭ ސްޕެނިޝް ސުޕަރ ކަޕްގެ ދެވަނަ ލެގު މެޗު ފެށޭނީ ރާއްޖޭގަޑިން މިރޭ މެންދަމު 2:00ގައެވެ.

comment ކޮމެންޓް