ޔޫކޭ ވިސާ ފޯމު ބަލައިގަތުން މާދަމާ ފޮރިން މިނިސްޓްރީގައި

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް-- ސަން ފައިލް ފޮޓޯ

ފާއިތުވެ ދިޔަ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖޭގެ ޚާރިޖީ ވުޒާރާއާ ބްރިޓިޝް އެމްބަސީ ގުޅިގެން، އިނގިރޭސި ވިލާތުގެ ވިސާއަށް އެދި ހުށަހެޅުމަށް، ވަގުތީ ސެންޓަރެއް މާލޭގައި ގާއިމުކުރުމަށް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި އަހަރު، ޔޫކޭ ވިސާ އެޕްލިކޭޝަން ބަލައިގަތުން މާދަމާ ހެނދުނު ޚާރިޖީ ވުޒާގައި ފަށާނެ ކަމަށެވެ.

އެ ވުޒާރާ އިން ބުނި ގޮތުގައި، މާދަމަ އާއި އޭގެ އަނެއް ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00އަށް އެ ވުޒާރާގައި ޔޫކޭ ވިސާ އެޕްލިކޭޝަން ފޯމް ބަލައިގަތުން ކުރިއަށް ދާނެ އެވެ.

އިނގިރޭސި ވިސާއަށް އެދިހުށަހެޅުމަށް ޓަކައި އަހަރަކު އެއްފަހަރު ވަގުތީ ސެންޓަރެއް ގާއިމުކުރަނީ، އިނގިރޭސިވިލާތުގައި އުޅޭ ދިވެހީންނަށް ވީހާ ވެސް ލުއިފަސޭހަކޮށް އެކަންކަންހަމަޖައްސައި ދިނުމަށްކަމަށް ޚާރިޖީ ވުޒާރާ އިން ބުންޏެވެ. އެގޮތުން އަހަރަކު އެއްފަހަރު ހުޅުވާލާ މިފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އެ ވުޒާރާއިން އިލްތިމާސްކުރެ އެވެ.

"އަހަރަކު އެއްފަހަރު ޓެމްޕޮރަރީ ވިސާ އެޕްލިކޭޝަން ޚިދުމަތް ފޯރުކޮށްދެނީ، ދިގު މުއްދަތަކަށް ޔޫކޭ ވިސާއަށް އެދޭ ދިވެހީންނަށް، ޚާއްސަކޮށް އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނަށް،" ޚާރިޖީ ވުޒާރާ އިން ބުންޏެވެ.

"ސަރުކާރުން އުންމީދުކުރަނީ، ޔޫކޭ ވިސާ ހޯދުމުގައި ދިވެހީންނަށް ދިމާވާ އުނދަގޫތައް، މި ހަމަޖައްސައިދޭ އިންތިޒާމްގެ ސަބަބުން ފަސޭހަވެގެން ދާނޭ ކަމަށް. އަދި މިފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް އެދެން."

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހީންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް އެގައުމުގެ ސަރުކާރުން ދޭ އެހީތެރިކަން ދިވެހި ސަރުކާރުން ޝުކުރުއަދާކުރާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން ބުންޏެވެ.

comment ކޮމެންޓް