އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފެންމަތިވަމުން އަންނަ އެކި ގޮންޖެހުންތަކާއި ނުރައްކާތަކާ ދެކޮޅަށް، ސަރަޙައްދީ ފެންވަރުގައި ވަރުގަދަ އަޑެއް އުފުލައި ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު މިކަމަށް ގޮވާލެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ. މިއީ ޚާރިޖީ ވަޒީރުކަމުގެ މަގާމާ ޙަވާލުވެވަޑައިގެންނެވި ފަހުން އައިއޯރާގެ މިފަދަ ބައްދަލުވުމެއްގައި މިނިސްޓަރު އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ނުތަނަވަސްކަމާއި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި އިގްތިޞާދީ މައިނާރު ގުޅިފައިވަނީ އަމާން އަދި ރައްކާތެރި ކަނޑުފަޅުތަކެއްގެ މައްޗަށް ކަމަށްވާތީ، އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ރާއްޖެއަށް ނުހަނު މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އައިއޯރާއަކީ މި ޒަމާނުގެ ގޮންޖެހުންތަކަށް އަމަލީ ޙައްލުތަކެއް ހޯދައިދޭ ޕްލެޓްފޯމަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ، އެ ޖަމިއްޔާއިން އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިރުތިޝާމް ތައުރީފު ކުރެއްވިއެވެ.
އައިއޯރާގެ މެންބަރު 23 ގައުމާއި، ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ 12 ގައުމެއްގެ ވަޒީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، އެ ޖަމިއްޔާގެ ޗާޓަރުގެ އަމާޒުތަކާއި އުސޫލުތައް ނެގެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ގައުމުތަކުން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.
މި ދަތުރުފުޅުގެ ހަވާސާގައި، މިނިސްޓަރު އިރުތިޝާމް ވަނީ މެންބަރު ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1997 ވަނަ އަހަރު އުފެއްދި އައިއޯރާގެ 22 ވަނަ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބައިވެރިވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އިރުތިޝާމްގެ އަރިހުގައި އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު އާއިޝަތު އަޒީމާ އަދި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.