ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ނޮން ރެސިޑެންޓް ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޗެކް ރިޕަބްލިކްގެ ރައީސް ޕީޓާ ޕަވެލް އާއި ސަފީރު އާމިނަތު ޢަބްދުﷲ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެސިޑެންޓް ސަފީރު، އާމިނަތު ޢަބްދުﷲ ދީދީ، އެ ގައުމުގެ ރައީސް ޕީޓާ ޕަވެލްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ހުންނަ ޕްރާގް ކާސްލްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި، ސަފީރު އާމިނަތު ޢަބްދުﷲ ދީދީ ވަނީ އެކަމަނާއަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަންފުޅުގައި، ޗެކް ރިޕަބްލިކްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މީގެއިތުރުން، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއިންނާއި، ގާބިލުކަން އިތުރުކުރުމާއި ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ސަފީރު ވަނީ ރައީސް ޕަވެލްއަށް ދެއްވާފައެވެ.

މި ބައްދަލުވުމުގައި ޗެކް ރިޕަބްލިކްގެ ރައީސް ޕީޓާ ޕަވެލް ވަނީ ސަފީރު އާމިނަތު ޢަބްދުﷲ ދީދީ ސަފީރުކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ޗެކް ރިޕަބްލިކާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ޗެކް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސަފީރު އާމިނަތު ޢަބްދުﷲ ދީދީ ވަނީ މީގެކުރިން، 2019 އިން 2023 އަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑެސްކް އޮފިސަރު ޚަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް