ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ މަދަނީ އަދި އިގުތިޞާދީ މަރުކަޒުތަކަށް ސިލްސިލާކޮށް ޔަމަނުގެ ހޫޘީން ދޭ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސަޢޫދީއަށް އަމާޒުކޮށް ހޫޘީން ސިލްސިލާކޮށް ދެމުންދާ ހަމަލާތައް، އަދި ޚާއްސަކޮށް ރިޔާޟްގެ މަދަނީ މަރުކަޒުތަކާއި އިގުތިޞާދީ މަރުކަޒުތަކަށް އަމާޒުކޮށް އެންމެ ފަހުން ދިން ހަމަލާތަކުގެ ސަބަބުން ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެ ހަަމަލާތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ، އެ ހަމަލާތަކަކީ ސަޢޫދީގެ ސިޔާދަތާއި އިސްތިގުލާލަށް ފާޅުގައި އަރައިގަތުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނުރައްކާތެރި އަމަލުތަކެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އެ ހަމަލާތައް ހުއްޓައިލުމަށް ދިވެހި ސަރުކާރުން ހޫޘީންނަށް ގޮވައިލައިފައިވެއެވެ.
މި ދަނޑިވަޅުގައި ރާއްޖޭން އަބަދު ވެސް ތިބޭނީ ސަޢޫދީގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ކަމަށް، ދިވެހި ސަރުކާރުން ބުންޏެވެ.
ހޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު 'އެކްސް'ގައި ރޭ ލިޔުއްވައިފައި ވަނީ ސަޢޫދީގެ ޖިއްދާއާ 165 ކިލޯމީޓަރު ދުރުގައި އޮންނަ ރާބިޣު އޮއިލް ރިފައިނަރީއަށް އަމާޒުކޮށް ފޮނުވައިލި ހަމަލާ ކާމިޔާބު ކަމަށެވެ. އަދި ދެ ފިޔަވައްސަކަށް ބަހައިލައިގެން އައްދަވާސިރު ސަރަހައްދުގައި ބަހައްޓައިފައިހުރި ރާޑަރަކަށް ދިން ހަމަލާއިން ބޭނުންވި އަމާޒު ހާސިލުވިކަމަށް ވެސް ލިޔުއްވައިފައިވެއެވެ.
ރާބިޣު އޮއިލް ރިފައިނަރީއަކީ ސަޢޫދީގައި ތެޔޮ ސާފުކުރާ މައި ތަންތަނުގެ ތެރެއިން އެއް ތަނެވެ. ސަޢޫދީގެ އަރާމްކޯއާއި ޖަޕާނުގެ ސުމިޓޯމޯ ކެމިކަލް ގުޅިގެން 2005ވަނަ އަހަރު އުފެއްދި ރާބިޣު އޮއިލް ރިފައިނަރީން ހަތަރު ލައްކައެއްހާ ފީފާގެ ތެޔޮ އަބަދު ވެސް ސާފުކުރެއެވެ.
ސަޢޫދީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ނެރުއްވި ބަޔާނެއްގައިވަނީ ރިޔާޟަށް އަމާޒުކޮށް ހޫތީން ފޮނުވައިލި ޑްރޯން ހަމަލާތަކެއް ސަޢޫދީން ހުއްޓުވައިފައިވާ ކަމަށެވެ. އަދި ސަޢޫދީގެ ހުޅަނގު ސަރަހައްދަށް އަމާޒުކޮށް ހޫޘީން ފޮނުވައިލި ބަލިސްޓިކް މިސައިލެއް ވެސް ހުއްޓުވައިފައިވާ ކަމަށް، އޭނާ ނެރުއްވި ބަޔާނުގައިވެއެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ކަން އަދި ޔަގީން ނުވާ ކަމަށް ބޭރުގެ ރިޕޯޓުތަކުގައިވެއެވެ.
މި މަހުގެ ކުރީކޮޅު ވެސް ހޫޘީން ވަނީ ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައި ހުންނަ ތެޔޮ ކުންފުނި އަރާމްކޯގެ އިމާރާތަކަށް އަމާޒުކޮށް ހަމަލާތަކެއް ވެސް ދީފައެވެ. ހޫޘީން އޭރު ދިން ހަމަލާގެ ސަބަބުން އެ އިމާރާތުގެ އެކި ފަންގިފިލާތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ކުދިކުދި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.