ތިންވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ޔޫތު ސްޕޯޓްސް ކްލަބު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ.
މާފަންނު ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޔޫތުން ވަނީ ޓީރެކްސް އެކަޑަމީ (ޓީއެސްއޭ) އަތުން މޮޅުވެފައެވެ.
ރޭ ކުޅުނު އެ މެޗުގައި ޓީއެސްއޭގެ މައްޗަށް ޔޫތުން ކުރި ހޯދާފައިވަނީ 35-15 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތުގެ އަބްދުﷲ ޒިޔާއުއެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޔޫތުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު މޮޅުވީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަތުންނެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ފުލުހުންނާއި ސިފައިންނެވެ. އެ މެޗުގައި ފުލުހުންގެ މައްޗަށް ސިފައިން ކުރި ހޯދާފައިވަނީ 31-20 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ މުހައްމަދު މަހުދީއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފެށި އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ފަސް ޓީމަކުން ވާދަކުރެއެވެ. އެއީ ލަޔަންސްއާއި ޓީއެސްއޭއާއި ޔޫތާއި ޕޮލިސް އަދި ޑީއެސްސީއެވެ. މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ.