ސިވިލްސާވަންޓުންގެ މުސާރަ ބޮޑު ކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ރުމާލު 2 ހުޅުވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރާ މުރާޖާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓަކީ ސިވިލްސާވަންޓުންނަށް އުއްމީދީ ބަޖެޓަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ސިވިލްސާވިސްގަ އުޅޭ އެތައް ހާސް މުވައްޒަފުންނަށް ކޮންމެވެސް ކަހަލަ ރަނގަޅު އުއްމީދުތަކެއް ގެނެސްދޭނެ ބަޖެޓަކަށް ވެގެންދާނެ، ރައީސް

"ރުމާލު 2" ގެނަމުގައި މާލޭގައި މިރޭ ހުޅުވި ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރު ކުރުމުގެ މަސައްކަތަކެއް ކުރަމުންދާ ކަމަށެވެ.

"މިއަންނަ އަހަރުގެ ބަޖެޓަކީ މިދެންނެވި ސިވިލްސާވިސްގަ އުޅޭ އެތައް ހާސް މުވައްޒަފުންނަށް ކޮންމެވެސް ކަހަލަ ރަނގަޅު އުއްމީދުތަކެއް ގެނެސްދޭނެ ބަޖެޓަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން މުވައްޒަފުން ލައްވައި މުސާރަ ނުދީ މަސައްކަތް ކުރުވާފައިވާ ކަމަށާއި އެކަމަކު މި ސަރުކާރުގައި މުސާރަ ލިބެންވާ ދުވަހު ބަރާބަރަށް މުސާރަ ދީފައިވާނެ ކަމަށެވެ.

"މިހާރު ދިރާސާތަކެއް ކުރެވެމުން އެ ދަނީ. ޕޭ ކޮމިޝަނެއް ހެދިއްޖެ. ކޮމިޝަނުގެ ޗެއާއަކަށް މިނިސްޓަރު މުނައްވަރު ހަމަޖައްސައިގެން މަސައްކަތް ކުރިއަށް އެދަނީ. އެންމެ ފުރަތަމަ ކުންފުނިތަކުގެ މަސައްކަތް ފެށިފަ އޮތީ. އެއާއެކު ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކުރުމާއި އަދި މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރު ކުރުމުގެ މަސައްކަތަކެއް އެ ދަނީ މިހާރު ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން 20 މިލިއަން ޑޮލަރު ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"މީކީއެއް އިތުރު ތަނަކުން ލޯނެއް ހޯދަން ޖެހޭ ކަމެއް ވެސް ނޫން. މިއީ ހަމަ ސަރުކާރު ބަޖެޓުގެ ތެރެއިން ކުރެވޭނެ ކަންކަން. މިހާރު ހުރި ހުރިހާ އައިސްޕްލާންޓުތައް މަރާމާތު ކުރުމާއި ބޮޑެތި ދޯނި ފަހަރުގައި އަމިއްލައަށް އައިސް އުފެއްދޭނެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މިހާރު އެހެރީ ރޭވިފަ،" އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް