ރޮނާލްޑޯ ހަމަލާދިން ކަމަށް ރެފްރީ ބުނޭ، އަދަބަކީ 12 މެޗަށް ސަސްޕެންޑް ކުރުން!

ސްޕެނިޝް ސުޕަ ކަޕްގެ ފުރަމަ ލެގުގައި 3-1 ބާސާއަތުން ރެއާލް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރަތްކާޑު ދައްކަނީ -- ފޮޓޯ: ރޮއިޓާސް

ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދެއްކުމުން ރޮނާލްޑޯ ރެފްރީއަށް ހަމަލާދިން ކަމަށް ރޭ ބާސެލޯނާއާ ރެއާލްމެޑްރިޑް ކުޅުނު މެޗުގެ ރެފްރީ ރިކާޑޯ ޑި ބްރޫގޮސް މެޗް ރިޕޯޓްގައި ލިޔެފައި އޮތުމުން ރޮނާލްޑޯއަށް ބޮޑު ސަސްޕެންޝަނެއް އައުން ގާތް ކަމަށް ރިޕޯޯޓްތައް ބުނެފިއެވެ.

ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-1 ކާމިޔާބުކުރި އިރު ރޮނާލްޑޯ ވަނީ އެ މެޗުގައި ލަނޑެއް ޖަހައިފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު ޖާޒީ ބޭލުމުން ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް އޭގޭ ކުޑައިރުކޮޅެއް ފަހުން އޭނާ ޑައިވްކުރި ކަމަށް ބަލައި ރެފްރީ ރަތްކާޑު ދެއްކުމުން އެ ކަމުގެ ހިތް ހަމަ ނުޖެހުމުގައި ރޮނާލްޑޯ ރެފްރީ ކޮށްޕާލިކަމަށް މެޗް ރިޕޯޓްގައިވަނީ ލިޔެފައެވެ. އަދި އެ މަންޒަރު ވަނީ ގިނަ ބަޔަކަށް ފެނިގެން ގޮސްފައެވެ.

ހަބަރުތައް ބުނާ ގޮތުން ސްޕެއިން ފުޓްބޯޅައިގެ ގަވައިދު ބުނާ ގޮތުން އެ ގޮތަށް ގަސްދުގައި ރެފްރީއަށް ހަމަލާ ދިނުމަކީ 4 މެޗާއި 12 މެޗާ ދެމެދުގެ ސަސްޕެންޝަނެއް އައުން އެކަށިގެންވާ ކުށެކެވެ. މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯއަށް ލިބުން ގާތީ 12 މެޗަށް ސަސްޕެންޑް ކުރުމުގެ އަދަބެކެވެ.

ރަތް ކާޑު ދެއްކުމާ އެކު ކުރިއަށް އޮތް ދެވަނަ ލެގުގައި ރެއާލް މެޑްރިޑުގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ނުކުޅެވޭނެ ކަން ރޮނާލްޑޯއަށް ކަށަވަރު ވެފައިވާއިރު ރެފްރީއަށް ހަމަލާދިނުމުން އޭނާ ސަސްޕެންޑް ކުރަނީ ކިތައް މެޗަށްތޯ ނިންމާނީ ސްޕެއިން ފެޑަރޭޝަނުގެ މުބާރާތް ކޮމިޓީންނެވެ.

comment ކޮމެންޓް