އަށާރަ ވަނަ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ހަތަރެއްގެ އެއްވަނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހޯދައިފިއެވެ.
ފަސް ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގެ ޒޯން ހަތަރެއްގައި ބައިވެރިވެފައިވަނީ ދެ ރިސޯޓަކުންނެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑާ އަދި ވިލަމެންދޫ އައިލެންޑް ރިސޯޓު އެންޑް ސްޕާ، ޒޯން ހަތަރެއްގައި ވާދަކުރިއިރު ދެ ޓީމުގެ ދެ މެދުގައި ތިން މެޗެއް ވަނީ ކުޅެފައެވެ.
ތިން މެޗުގެ ތެރެއިން ކޮންރެޑުން ދެ މެޗު ކާމިޔާބުކުރުމާއެކު ބާކީ އެއް މެޗު އޮއްވައި އެ ޓީމަށް ވަނީ ޒޯން ހަތަރެއްގެ އެއްވަނަ ކަށަވަރުވެފައެވެ.
ޒޯން ހަތަރެއްގެ ފުރަތަމަ މެޗު ކޮންރެޑުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެ ރިސޯޓުގައި ކުރިއަށްދާ މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން އެ ޓީމުން ކާމިޔާބުކޮށް ޒޯން ހަތަރެއްގެ އެއްވަނަ މަގާމް ކަށަވަރު ކުރީ ސީދާ ތިންސެޓުން މޮޅުވެގެންނެވެ. އިއްޔެ ކުޅުނު އެ މެޗުގެ ސެޓުތައް ކޮންރެޑުން ގެންދިޔައީ 25-18، 25-20 އަދި 25-21 އިންނެވެ.
އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ އެކިއެކި ޒޯން ތަކުން އެއްވަނަ ހޯދާ ޓިމުތައް އަދި ރޭންކް އެންމެ މަތީ ޓީމުތައް ޗެމްޕިއަންސް ލީގަށް ކޮލިފައިވާއިރު ޒޯން ހަތަރެއްގެ އެއްވަނައިގެ އިތުރުން މިހާތަނަށް އެ މުބާރަތަށް ކޮލިފައިވެފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު، ބަނޑޮސް މޯލްޑިވްސް، ޝެރަޓަން މޯލްޑިވްސް އަދި ޖުމެއިރާ ވިޓަވެލިއެވެ.
މި އަހަރުގެ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރަތުގައި 21 ރިސޯޓަކުން ވަނީ ވާދަކޮށްފައެވެ. މުބާރާތް ކުރިއަށްދަނީ ފަސް ޒޯނަކަށް ބަހާލައިގެންނެވެ.