މެޗުގެ ނަތީޖާއާ ކުޅެލީ ކޭހިލްއަށް ދެއްކި ރަތްކާޑު: ކޮންޓޭ

ޗެލްސީއާ ބާންލީ ބައްދަލު ކުރި މެޗުގައި ރެފްރީ ކްރެއިގް ޕޯސަން ޗެލްސީގެ އާ ކެޕްޓަން ގެރީ ކޭހިލްއަށް ރަތްކާޑު ދައްކަނީ -- ފޮޓޯ: ރޮއިޓަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެމްޕިއަން ޗެލްސީ ބާންލީ އަތުން 3-2 ލަނޑުން ބަލިވި މެޗުގެ ނަތީޖާ ބާންލީކޮޅަށް އެނބުރެން މެދުވެރިވި މައިގަނޑު ސަބަބަކީ ކެޕްޓަން ގެރީ ކޭހިލްއަށް ދެއްކި ރަތްކާޑު ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ލީގު ދިފާއުކުރުމަށް ނުކުތް ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ބާންލީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގެ ކުރީކޮޅުގައި ވަނީ ކޭހިލްއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެ ކާޑު ދެއްކީ ބާންލީގެ ސްޓީވެން ޑިފޯއަށް ކުރި ޓެކްލަކާ ގުޅިގެންނެވެ.

ބާންލީ ވަނީ، އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ޗެލްސީގެ މައްޗަށް ފައިދާ ނަގައި، ފުރަތަމަ ހާފްގައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެހެންނަމަވެސް ފަހު ހާފުގައި 9 ކުޅުންތެރީންނާއެކު ކުޅެމުންދިޔަ ކޮންޓޭގެ ޓީމުން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަނިކޮށްފައެވެ.

"މެޗު އެނބުރުނީ ކޭހިލްއަށް ކާޑު ދެއްކި ހިސާބުން. ސަބަބަކީ މެޗުގެ ބޮޑުބައެއް 10 ކުޅުންތެރީންނާއެކު، އަދި އޭގެ ފަހުން 9 ކުޅުންތެރީންނާއެކު ކުޅުމަކީ ފަސޭހަކަމެއް ނޫން. މިފަހަކަށް އައިސް އަހަރެމެން އާންމުކޮށް މެޗުތައް ނިންމާލަން މި ޖެހެނީ 10 ކުޅުންތެރީންނާއެކ،" ބީބީސީ ސްޕޯޓަށް ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުގެ ފަހު ހާފުގައި ސެސް ފަބްރިގާސްއަށް ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑެއް ދައްކާފައި ވާއިރު، ޗެލްސީގެ ކޯޗު ބުނީ، ކުރިއަށް ހުރި މެޗުތަކަށް އޭނާ ތައްޔާރުވާނީ 10 ކުޅުންތެރީންގެ ޓީމަކާއެކު ކުޅެން ކަމަށާއި އަދި ރެފްރީގެ ނިންމުމަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ކޭހިލްއަށް ދެއްކި ރަތްކާޑާ ގުޅޭގޮތުން، ޕްރިމިއަރ ލީގުގެ ކުރީގެ ރެފްރީ މާކް ކްލަޓެމްބާގު ބުނީ، "ކޭހިލްގެ ނަސީބު ދެރައީ. އެއީ ރަތްކާޑެއް ދައްކަން ޖެހޭވަރުގެ ފައުލެއް ނޫން. ރީނދޫކާޑަކުން ފުއްދާލެވޭނެ،" ކަމަށެވެ.

ރެފްރީ ކްރެއިގް ޕޯސަން ކޭހިލްއަށް ރަތްކާޑު ދެއްކި އިރު ކުޑަކޮށް ފަސްޖެހި، ވިސްނާލަން ވަގުތުކޮޅެއް ނެގިތަން ފެނިގެން ދިޔައިރު، އެ ކާޑާ ގުޅޭގޮތުން ތަޖްރިބާކާރު ރެފްރީ ކްލަޓެމްބާގު ބުނީ، ޑިފޯ ބޯޅަ ހިފައިގެން ދިޔައިރު، "ރަނގަޅަށް ބަލައިފި ނަމަ ކޭހިލްގެ ޓެކްލުން އޭނާއަށް މާބޮޑު އަސަރެއް ކޮށްފައި ނުވާކަން އެނގޭ. އަހަރެން ބުނާނީ ހަމަ އޭނަގެ ނަސީބު ދެރައީއޭ. އެއީ ރީނދޫ ކާޑަކުން ހައްލުކުރެވޭނެ މައްސަލައެއް،" ކަމަށެވެ.

comment ކޮމެންޓް