މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެވަޓަންއަށް މި ސީޒަނުގައި ބަދަލުވި ވޭން ރޫނީ ކާމިޔާބުކޮށްދިން ލަނޑުން ސްޓޯކް ސިޓީ ބަލިކޮށް މޮޅަކާއެކީ އެޓީމުން ސީޒަން ފަށައިފިއެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ސްޓޯކްގެ މައްޗަށް އެވަޓަނުން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެވަޓަންއާ 13 އަހަރަށްފަހު ގުޅުނު ރޫނީ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ކަލްވާޓް ލެވިންގެ މޮޅު ހުރަހަކުންނެވެ. ފުރަތަމަ ހާފުގައި ރޫނީ ކާމިޔާބުކުރި އެ ލަނޑު އޭނާ ޖެހީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ރޭގެ މެޗުގައި ރޫނީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ އެވަޓަންއަށް ބަދަލުވީ ދިހަ މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް މީގެ ކުރިން ހަބަރުތައް ބަނަމުންދިޔައެވެ.
މިރޭގެ މެޗަށް ފަހު މީޑީޔާއާ ވާހަކަ ދައްކަމުން ރޫނީ ބުނެފައިވަނީ ގޯލް ޖެހުނު ވަގުތަކީ ހާއްސަ އިހްސާސްތަކެއް ކުރެވުނު ވަގުތެއް ކަަމަށާއި އެންމެ އުފާވީ މުހިންމު ވަގުތެއްގައި މުހިންމު ގޯލެއް ކާމިޔާބު ކުރެވުމުން ކަމަށެވެ.
"އަހަރެން އަނބުރާ އެވެޓަންއަށް ގުޅުނު ހިސާބުން އަމިއްލަ ގެއަށް އާދެވުނު ކަމުގެ އިހްސާސް ކުރަން. މިއީ އަހަރެން އިންތިޒާރު ކުރި ވަގުތެއް،" ރޫނީ ބުންޏެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޓީމުން ރޫނީއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗެއްގައެވެ. އެކަމުގެ ސަބަބުން އޭނާ އަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފައެވެ. ރޫނީއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.