އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ޔުނައިޓެޑު އަތުން އާސެނަލް ބަލިވެ، ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދުގައި ފަރަގު ކުޑަކުރުމަށް އާސެނަލަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު ލަންޑަން ޑާބީއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ކުރިމަތިލުން ވެސްޓް ހާމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
ޚާއްސަކޮށް އާސެނަލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރުމާ އެކު ވެސް އެ ހަމަލާތައް ނިންމާލެވޭގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނުނީ ވެސްޓް ހާމުން އުފެއްދި ކައުންޓާ އެޓޭކެއްގައި މެޗުގެ ހަމައެކަނި ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިދިން ތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖެރޮޑް ބޮވެންއެވެ.
ދެވަނަ ހާފުގައި ފެނުނީ އާސެނަލްގެ ޒުވާން ޑިފެންޑަރު މައިލްސް ލުވިސް ސްކެލީ ވެސްޓް ހާމްގެ މުހައްމަދު ކުޑޫސްއަށް މެދު ރޮނގު ކައިރިން ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކިތަނެވެ. މި ފައުލާ ގުޅިގެން މެޗުގެ ރެފްރީ އެންމެ ފުރަތަމަ ރީނޑޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ޑިފެންސްގެ ފަހު ކުޅުންތެރިޔާއަށް ވެހުރެ އިދިކޮޅު ޓީމަށް ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތެއް ފައުލަކުން ހުއްޓުވާފައިވާތީ އޭނާގެ ކާޑު ރަތަކަށް ބަދަލުކުރީއެވެ.
މެޗުން މޮޅުވުމާ އެކު ވެސްޓް ހާމް މިހާރު އޮތީ 30 ޕޮއިންޓާ އެކު 16 ވަނައިގައެވެ. ބަލިވުމުން އާސެނަލް އޮތީ 53 ޕޮއިންޓާ އެކު ދެވަނައިގައެވެ. މި މެޗުން ބަލިވުމުން ލިވަޕޫލާ ފަސް ޕޮއިންޓަށް ގާތްކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ.
މުބާރާތުގައި ކްރިސްޓަލް ޕެލަސްއާއި ފުލަމް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-0 އިން ކާމިޔާބުކޮށްފައިވަނީ ޕެލަސްއެވެ. މެޗުގައި ޕެލަސްގެ ފުރަތަމަ ލަނޑަކީ ފުލަމްގެ ހޯކިމް އެންޑަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެނިއަލް މުނޯޒެވެ. މި ކާމިޔާބީއާ އެކު ޕެލަސް މިހާރު އޮތީ 33 ޕޮއިންޓާ އެކު 13 ވަނައިގައެވެ. އަދި، ފުލަމް އޮތީ 39 ޕޮއިންޓާ އެކު 10 ވަނައިގައެވެ.