އަސެންސިއޯގެ 2 ލަނޑުން ވިލާއިން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން ޗެލްސީ ބަލިކޮށް، މއަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި އުންމީދު އާކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ޗެލްސީން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒެވެ. ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ރަޝްފަޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި 57 ވަނަ މިނެޓުގައި މާކޯ އަސެންސިއޯއެވެ. މިއީ ލީގުގައި އަސެންސިއޯ ވިލާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުން ވިލާ މޮޅުވި ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ރަޝްފަޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަނެއްކާ ވެސް ކާމިޔާބުކޮށްފައިވަނީ އަސެންސިއޯއެވެ. މި ލަނޑު ޗެލްސީ ގޯލަށް ވަނުމުގައި އެ ޓީމުގެ ކީޕަރު ފިލިޕް ޔޯގެންސަންއަށް ހެދުނު ގޯސް ވަރަށް ބޮޑު ދައުރެއް އަދާކުރިކަން ފާހަގަވިއެވެ.

މި ކާމިޔާބީއާ އެކު ވިލާ މިހާރު އޮތީ 42 ޕޮއިންޓާ އެކު ހަތްވަނައިގައެވެ. ޗެލްސީ ހަވަނައިގައި އޮތީ 43 ޕޮއިންޓާ އެކުއެެވެ.

މި މުބާރާތުގައި ޓޮޓްނަމް ހޮޓްސްޕާއާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4-1 އިން ކާމިޔާބުކޮށްފައިވަނީ ސްޕާސްއެވެ. މެޗުގައި ސްޕާސްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބްރެނަން ޖޯންސަންއެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑިޖެޑް ސްޕެންސާއި ޑޭޔާން ކުލުސޭވްސްކީއެވެ. އިޕްސްވިޗްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮމާރީ ހަޗިސަންއެވެ.

މި ކާމިޔާބީއާ އެކު ސްޕާސް މިހާރު އޮތީ 33 ޕޮއިންޓާ އެކު 12 ވަނައިގައެވެ. އިޕްސްވިޗް އޮތީ 17 ޕޮއިންޓާއެކު 18 ވަނައިގައެވެ.

comment ކޮމެންޓް