ނޭޕާލުގައި ދިވެހި ދަރިވަރުންތަކެއް އުޅޭ ސަރަހައްދެއްގައި ފެންބޮޑުވެއްޖެ

ނޭޕާލުގައި ދިވެހި ދަރިވަރުން އުޅޭ ހޮސްޓެލްގައި ފެންބޮޑުވެފައި --- ފޮޓޯ: ކިޔުންތެރިއެއް

ނޭޕާލުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ތިބި ސަރަހައްދެއްގައި ފެންބޮޑުވެ ނުރައްކާތެރި ހާލަތަކަށް ގޮސްފިއެވެ.

ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރެއްގެ އާއިލާގެ މެމްބަރަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާގެ މައުލޫމާތު އެ ދަރިވަރު އާއިލާއާ ހިއްސާ ކުރީ މިރޭ ރާއްޖޭގެ ގަޑިން 9:30 އެހައިކަންހާއިރުއެވެ.

އާއިލާގެ މެމްބަރު ބުނީ އެ ދަރިވަރު ދިރިއުޅެމުންދާ ހޮސްޓެލްގެ ގްރައުންޑު ފްލޯ އިން ފެށިގެން ފުރަތަމަ ފަންގިފިލާގެ ވަކި ހިސާބަކަށް ފެންބޮޑުވެފައިވާ ކަމަށެވެ.

އެ ދަރިވަރު އުޅެނީ އެ ހޮސްޓެލްގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އަދި ގްރައިންޑް ފްލޯ އާއި ދެވަނަ ފަންގިފިލާގައި ތިބި ދިވެހި 15 ދަރިވަރުން މަތީ ފަންގިފިލާތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް "ސަން" އަށް މައުލޫމާތު ހިއްސާކުރި، އެ ދަރިވަރުގެ އާއިލާގެ މެމްބަރު ކިޔައިދިނެވެ.

އެ ހޮސްޓެލްގައި އުޅެނީ ހަމައެކަނި ދިވެހި ދަރިވަރުންނެެވެ. ޖުމްލަ 33 ދިވެހި ދަރިވަރުން އެ އިމާރާތުގައި ދިރިއުޅެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ދެ ކޯރެއް ބަންޑުންވެގެންނެވެ.

މޯލްޑިވްސް ސްޓޫޑެންޓް އެސޯސިއޭޝަން އޮފް ނޭޕާލްގެ ރައީސް ޑރ. އިސްމާއީލް އަޒުމް "ސަން" އަށް ވިދާޅުވީ އޭނާ ދިރިއުޅެނީ އެ ގައުމުގެ ވެރިރަށް ކަތަމަންޑޫގައި ކަމަށާއި އެ ހާދިސާ ހިނގީ އިންޑިއާ އާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދުގެ ސިޓީއެއް ކަމަށްވާ ގިރާތުނަގަރުގައި ކަމަށެވެ. އަދި އެ ހާދިސާގެ ކަންކަން އެ އެސޯސިއޭޝަނުންް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ އެ ހާދިސާގެ ކަންތައް ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.

comment ކޮމެންޓް