ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 140 އަށް

ނޭޕާލަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ގެ އެއް ފޮޓޯ/ސްކައި ނިއުސް

ރޭގެ ވަގުތެއްގައި ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 140 އަށް އަރައިފިއެވެ.

ރޭ ދަންވަރު 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ނޭޕާލަށް އައި މި ބިންހެލުމަކީ 2015 ވަނަ އަހަރަށް ފަހު ނޭޕާލަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ނޭޕާލްގެ އާތްކުއޭކް މޮނިޓަރިންގް އެންޑް ރިސާޗް ސެންޓަރާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަތުމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޖަޖަ ކޯޓް ޑިސްޓްރިކްޓަށެވެ. ބިންހެލުން އައި ކަމަށް ރެކޯޑުކޮށްފައިވާ ގަޑިއަކީ ރޭ 11:47 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން 11 ޖެހިއިރުއެވެ.

ނޭޕާލްގެ ބޮޑު ވަޒީރު ޕުޝްޕާ ކަމަލް ދަހަލް ވަނީ ބިންހެލުމާ ގުޅިގެން އަސަރުކުރި މީހުންނާ ބައްދަލުކުރައްވާފައިވާ ކަމަށް ނޭޕާލް ޕޮލިހުން މައުލޫމާތު ދެއެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނާއި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަމާގުޅެ އިދާރާތަކާއި ގުޅިގެން ކުރަމުންދާއިރު، އެ މަސައްކަތަށް 102 މީހަކު ނެރެފައިވެއެވެ.

ބިންހެލުމާ ގުޅިގެން ލޮޅުމުގެ އަސަރުތައް އަވަށްޓެރި އިންޑިއާއަށް ވަނީ ކޮށްފައެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި އެހެން ބައެއް ސިޓީތަކަށް ވެސް ލޮޅުމުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވެއެވެ.

ރޭގެ ވަގުތެއްގައި އައި މި ބިންހެލުމުގެ ސަބަބުން ނޭޕާލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ގިނަ އިމާރާތްތަކެއް ވަނީ ބިމާހަމަވެފައެވެ.

އޭޕްރީލް 2015 ގައި ނޭޕާލް އަށް ބިންހެލުމެއްގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ، 21،000 ށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

comment ކޮމެންޓް