ނޭޕާލްގައި ޓިކްޓޮކް މަނާކޮށްފި

ޓިކްޓޮކް ލޯގޯ. ދުނިޔޭގެ އެކި ގައުމުތަކުގައި ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފައި. ފޮޓޯ/ޑޫއެޗްއާރް

އިޖުތިމާއީ ހަމަޖެހުމަށް ގެއްލުންވާ ކޮންޓެންޓު ހުންނަ ކަމަށް ބުނެ ނޭޕާލްގައި ޓިކްޓޮކް މަނާކޮށްފިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޭޕާލުން މިގޮތަށް ނިންމާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެ ގައުމުގައި އޮފީހެއް ހުޅުވަންޖެހޭ ގޮތަށް ހަމަޖައްސައި އާ ގަވާއިދެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ނޭޕާލުގެ ކޮމިއުނިކޭޝަންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ އެ ގައުމުގައި ޓިކްޓޮކް މަނާކުރަން ނިންމީ އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމެއްގައެވެ. އަދި އެ ނިންމުން ނިންމީ އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫ އަރައި އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ހަލާކު ވެގެންދާ ފަދަ ކޮންޓެންޓު، ޓިކްޓޮކްގެ ޒަރީއާއިން ހިއްސާ ކުރަމުން ގެންދާތީ ކަމަށްވެސް ރޭކާ ވިދާޅުވިއެވެ.

ނޭޕާލުގައި މިދިޔަ ހަތަރު އަހަރު ތެރޭގައި ޓިކްޓޮކާއި ގުޅުން ހުރި ސައިބާ ކްރައިމްގެ 1600 އަށް ވުރެ ގިނަ މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ނޭޕާލްގައި ތިން ވަނައަށް އެންމެ ގިނައިން ބޭނުންކުރާ ސޯޝަލްމީޑިއާ ޕްލެޓްފޯމަކީ ޓިކްޓޮކް ކަމުގައި ބީބީސީން ރިޕޯޓުކުރެއެވެ.

މަހަކު ގާތްގަނޑަކަށް ބިލިއަނެއްހާ މީހުން ބޭނުންކުރާ ޓިކްޓޮކް ބައެއް ގައުމުތަކުން ވަނީ މަނާކޮށްފައެވެ. ދާދިފަހުން އިންޑިއާއިންވެސް ވަނީ އެ ގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާއިންވެސް ވަނީ ޓިކްޓޮކް މަނާކޮށްފައެވެ. މޮންޓާނާއަކީ އެމެރިކާއިން ޓިކްޓޮކް މަނާކުރި ފުރަތަމަ ސްޓޭޓެވެ. މޮންޓާނާގެ އިތުރުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުންވެސް ވަނީ ޓިކްޓޮކް މަނާކޮށްފައެވެ. ޕާކިސްތާނުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަދުވެގެން ހަތަރު ފަހަރު އެ ޕްލެޓްފޯމު ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާއިރު، މިދިޔަ މަހު އިންޑޮނޭޝިއާގައި ޓިކްޓޮކް އޮންލައިން ވިޔަފާރީގެ ހިދުމަތް ވަނީ ހުއްޓާލާފައެވެ.

ޓިކްޓޮކުގެ ޒަރިއްޔާއިން ގައުމުތަކުގެ ސިއްރު މައުލޫމާތު ޗައިނާ ސަރުކާރަށް ފޮރުކޮށްދީފާނެ ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއިން މީގެ ކުރިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމުތަކަށްވުރެ ޓިކްޓޮކް ފަހަތުގައި އޮތް ނަމަވެސް، ޒުވާނުންގެ މެދުގައި ޓިކްޓޮކްގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.

ޔޫޓިއުބް އާއި ފޭސްބުކަކީ ހުރިހާ އުމުރުފުރާއެއްގެ އިންޓަނެޓް ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމުތަކަށް ވާއިރު، ޓިކްޓޮކަކީ ޒުވާން އުމުރުފުރާތަކުގެ މެދުގައި ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ. 16 އަހަރާއި 24 އަހަރާ ދެމެދުގެ 80 އިންސައްތައަށްވުރެ ގިނަ ކުދިން ޓިކޮޓޮކް ބޭނުންކުރެއެވެ.

comment ކޮމެންޓް