އަށާރަ ވަނަ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ނިޔާމަ ޕްރައިވެޓް އައިލެންޑް ހޯދައިފިއެވެ.
އެ ޓީމުން މުބާރާތުގެ އެއްވަނަ ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ކަޑިންމަ ރިސޯޓުގެ މައްޗަށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗު އިއްޔެ ކުޅެފައިވާއިރު މެޗުގެ އޮއިވަރު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. އެގޮތުން ފުރަތަމަ ސެޓް 25-17 ކަޑިންމައިން ކާމިޔާބުކުރިއިރު ދެވަނަ ސެޓު ވެސް ގެންދިޔައީ އެޓީމުންނެވެ. އެ ސެޓްގެ ސްކޯއަކީ 25-19އެވެ.
ކަޑިންމަ ދެ ސެޓް ކުރީގައި އޮތް ނަމަވެސް ތިންވަނަ ސެޓް ކާމިޔާބުކޮށް ނިޔާމައިން ވަނީ ފެންވަރު ދައްކާލާފައެވެ. އެ ސެޓު އެ ޓީމުން ގެންދިޔައީ 25-19 އިންނެވެ. ތިން ވަނަ ސެޓަށް ފަހު ހަތަރުވަނަ ސެޓްވެސް ކާމިޔާބުކުރީ ނިޔާމައިންނެވެ. އެ ސެޓް 25-17 އިން ކާމިޔާބުކުރިއިރު ފަހަތުން އަރައި މެޗު ކާމިޔާބުކުރި ސެޓް ނިޔާމައިން ގެންދިޔައީ 15-12 އިންނެވެ.
އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިޔާމަ ޓީމުގެ މުހައްމަދު ރިފްއަތެވެ.
އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ އެކިއެކި ޒޯން ތަކުން އެއްވަނަ ހޯދާ ޓިމުތައް އަދި ރޭންކް އެންމެ މަތީ ޓީމުތައް ޗެމްޕިއަންސް ލީގަށް ކޮލިފައިވާއިރު މިހާތަނަށް އެ މުބާރަތަށް ކޮލިފައިވެފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު، ބަނޑޮސް މޯލްޑިވްސް، ޝެރަޓަން މޯލްޑިވްސް އަދި ޖުމެއިރާ ވިޓަވެލިއެވެ.
މި އަހަރުގެ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރަތުގައި 21 ރިސޯޓަކުން ވަނީ ވާދަކޮށްފައެވެ. މުބާރާތް ކުރިއަށްދަނީ ފަސް ޒޯނަކަށް ބަހާލައިގެންނެވެ.