ޔާމީން ރަޝީދު މަރާލީ ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނެ: ފުލުހުން

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހުން-- ފޮޓޯ/ ފުލުހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މީހުން އެ ނުރައްކާތެރި ޖަރީމާ ހިންގާފައި ވަނީ، ޔާމީނަކީ ދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް އެ މީހުން ގަބޫލުކުރާތީ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށްގެންދިޔާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީން ރަޝީދު މަރާލި މީހުން ގަބޫލުކުރާ ގޮތުގައި އޭނާއަކީ ދީނަށް ފުރައްސާރަކުރާ މީހެއް ކަމަށާއި އެ މީހުންގެ ވިސްނުމުގައި ޔާމީން ރަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ދެކިފައިވާ ކަމަށެވެ. ނަމަވެސް އެކަމަކީ އެއްވެސް ވަރަކަށް ފުލުހުން ތާއިދުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މި މީހުން ގަބޫލު ކުރާ ގޮތުގައި ދީނަށް ފުރައްސާރަކުރާ މީހުންނާ މި މީހުންގެ ހިޔާލާ ތަފާތުވޭ އެބަ. އެގޮތުން މި މީހުން ގަބޫލުކުރަނީ ޔާމީން ރަޝީދަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި،" ޝަމީމް ވިދާޅުވިއެވެ.

އޮގަސްޓު 9، 2017: ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޔާމީން ރަޝީދު މަރުގެ މައްސަލާގައި އެކަމުގެ އަޑީގައި ތިބި ބައެއްގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބިފައިވާ ކަން ހާމަކުރަައްވައި ޝިފާން ވިދާޅުވީ އެ މީހުންގެ މައްސަލަ އަންނަނީ ވަކިން ތަހުގީގު ކުރެވެމުން ކަމަށެވެ.

"އެކަމުގައި އެ މީހުންނަށް ކޮންމެވެސް ވަރަކަށް ވިސްނުން ދިން މީހުންނާ އެހީތެރިވެ ހިތްވަރުދިން ބައެއްގެ މައުލޫމާތުތަކެއް އަޅުގަނޑުމެނަށް އެނގިފައި ވަނީ. އޭގެ އަސްލަށް ވާސިލްވުމަށް ދިރާސާކުރަމުން މި ދަނީ،" ޝަމީމް ވިދާޅުވިއެވެ.

ޔާމީން މަރުގެ މައްސަލާގައި ފުލުހުން ހޯދި އެއްވެސް ހެއްކެތް ނައްތާލާފައި ނުވާ ކަމުގެ ޔަގީންކަން ދެއްވަމުން ޝަމީމް ވިދާޅުވީ ހޯދި އެއްވެސް ހެއްކެތްގެ އަސްލަށް ބަދަލު އަންނަ ފަދަ ކަމެއް ވެސް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ހޯދައި އެއްކުރި ހުރިހާ ހެއްކެއް ޔާމީން ރަޝީދުގެ ގާތިލުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

އެ ބައްދަލުވުމެއްގައި ޔާމީން ރަޝީދަށް ފާރަލީ މީހުންނާއި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވެފައިވާ މީހުން ހަރަކާތްތެރިވެފައި ވަނީ ދެ ބަޔަކަށް ބެހިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުން ޔާމީން ރަޝީދު އޭނާ މަސައްކަތް ކުރަމުން ދިޔަ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮފީހުން ނުކުމެފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުގެ މެންދަމު 2:33 ހާއިރުއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ އޮފީހުން ނުކުމެގެން ގޮސް ޣާޒީ ބިލްޑިންގެ އިރުމަތީ ގޯޅިން އަމީރު އަހުމަދު މަގަށް އެޅުމާއި ހަމައަށް ދެ މީހަކު ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ތިން ނަންބަރު ފާލަމާހަމައަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހިސާބުން އެ ދެމީހުން އަނބުރާ މަސްވެރިންގެ ޕާކާއި ހަމައަށް ގޮސް އެތަނުން އެކަކު ފޯނުން މީހަކާއި މުއާމަލާތްކުރިކަން ތަހްގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޔާމީން ރަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުން ކަމަށް ޝައްކުކުރެވޭ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސިމިކްގެ އަހުމަދު ޒިހާން އިސްމާއިލު ޔާމީން ރަޝީދު ދިރިއުޅުނު މ. ސްޕެޓިއުލާ ގެއަށް ވަދެފައި ވަނީ އެ ރޭ މެންދަމު 2:34 ގައެވެ. އެ ދެ މީހުންނާ އެކު އައި ތިން ވަނަ މީހަކީ މ. ތޯއިފް، އިސްމާއިލް ރަޝީދެވެ. އޭނާ މަޑުކޮށްގެން ހުރީ ސްޕެޓިއުލާގޭ ކައިރީގަ އެވެ. އެ މީހުން އެތަނަށް ދިޔައީ ދެ ސައިކަލެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސްޕެޓިއުލާގެއަށް ވަތް ހައިޝަމް އާއި ޒިހާން އެގޭގެ ސިޑިގޮޅި ތެރޭގައި ހަރުކޮށްފައި ހުރި ސީސީޓީވީގެ ޑައިރެކްޝަން ބަދަލުކޮށް ލައިޓް ހޯލްޑަރުން ލައިޓް ދޫކޮށް ނިއްވާލި އެވެ. އޭރު ޔާމީން ރަޝީދު ހުރީ ޗާންދަނީ މަގު ކެނެރީމަގާ ހިސާބުގައެވެ.

ޔާމީން ރަޝީދު އޭނާ ދިރުއުޅުނު ގެއަށް ވަނީ އެރޭ 2:46 އެހާކަންހާއިރު އެވެ. ގެއަށް ވަދެ ލިފްޓަށް އަރަން ލިފްޓަށް ފިއްތައި ލިފްޓް ހުޅުވުނު ވަގުތަކީ އޭނާ އަށް ހަމަލާދިން ވަގުތާ އެއް ވަގުތަކަށް ވުމުން ލިފްޓް ތެރޭގައި ހުރި ކެމެރާއަށް އެ ހަމަލާދިން މަންޒަރު އަރާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހަމަލާދިނުމަށްފަހު އެ ތިން މީހުން ދެ ސައިކަލެއްގައި ބޮޑު ތަކުރުފާނު އެއް ނަންބަރު ކުނި ކޮށްޓާހަމައަށް އެކުގައި ގޮސްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ތިން މީހުންނާއެކު ޔާމީންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީއަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އަދި ހަތް ވަނަ މީހާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

comment ކޮމެންޓް