ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލާގައި ބައިވެރިވި މީހުންނާއި އެ މަރާ ގުޅިގެން ހިންގި ތަހުގީގުގެ މައުލޫމާތުތައް ފުލުހުން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހަމަލާދީ މަރާލި ޔާމީން ރަޝީދުގެ މައްސަލާގައި ބައިވެރިވި އެންމެންގެ މައުލޫމާތު ފުލުހުން ހާމަކުރި ފުރަތަމަ ފަހަރެވެ.
ފުލުހުން މީގެ ކުރިން ވަނީ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ ފޮޓޯއާ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައެވެ.
ހައްޔަރުކުރި އަށް މީހުންނާއި އެމީހުން ހައްޔަރުކުރި ދުވަސްތައް:
- މެއި 1، 2017: ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާން
- މެއި 2، 2017: މ. ކުދެހިގެ، ހަސަން ޝިފާޒު
- މެއި 7، 2017: ގދ. ތިނަދޫ، ހިކިފިނިފެންމާގެ، އަހުމަދު ނަސޫހް އަބްދުﷲ
- މެއި 7، 2017: މ. ޕާލްމާ ވިލާ، މުހައްމަދު ޔަޝްފައު ރަޝީދު
- މެއި 9، 2017: ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު
- މެއި 9، 2017: މ. އިރާސްމިކްގެ، އަހުމަދު ޒިހާން އިސްމާއިލް
- މެއި 9، 2017: މ. ތާއިފް، އިސްމާއިލް ރަޝީދު
- ޖޫން 14، 2017: މ. ކޮޅުފުށި، އީސްޓް، ހުސެއިން ޒިޔާދު
ޔާމިން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ ޔާމީން މަރާލުމުގައި ބައިވެރިވި އެންމެންގެ މައުލޫމާތާއި ތަހުގީގުގައި ބަލައި ފާސްކުރި ތަންތަނުގެ އިތުރުން ޔާމިން މަރާލި ގޮތް ހިއްސާ ކޮށްފައެވެ.
ފުލުހުން ބުނީ، ޔާމިންގެ މަރާ ގުޅިގެންއަށް ކޯޓު އަމުރެއް ތަންފީޒު ކޮށްފައިވާއިރު ހަތަރު ގައުމެއްގެ ފުލުހުންގެ އެހީތެރިކަން ދިވެހި ފުލުހުން ހޯދާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލާގައި ޖުމްލަ އަށް މީހަކު ފުލުހުން ހައްޔަރުކޮށް އެ މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ އަށް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް މިހާރު ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް، މިމަހުގެ އެއްވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވެފައި ވަނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ހަތް މީހެއްގެ މައްޗަށް ކަމަށެވެ.
އެ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އަދި ހަތް ވަނަ މީހާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ، ޔާމިންގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި 8 މީހުންގެ ތެރެއިން ހަތް މީހަކު ފުލުހުންގެ ހައްޔަރުގައި ތިބި ނަމަވެސް، އެކަކު ގޭ ބަންދުގައި އެބަހުރި ކަމަށެވެ.
ނަމަވެސް މި މައްސަލައަކީ ޝަރީއަތުގައި އޮތް މައްސަލައެއް ކަމުން ޔާމީން ރަޝީދު މަރާލުމުގައި އޭނާ ބައިވެރިވި މިންވަރާއި މައުލޫމާތު ހާމަކޮށްފައެއްނުވެ އެވެ.
ފުލުހުން މިއަދު ވަނީ މަރުގެ މައްސަލާގައި ހޯދުމަށް ފުލުހުން ބެލިތަންތަނުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މައްސަލާގައި ހައްޔަރުކުރި ކޮންމެ މީހެއް ދިރިއުޅެ ގެ
- މަސްވެރިންގެ ޕާކާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގެ މޫދު
- ބޮޑުތަކުރުފާނު މަގު މެރީ ބްރައުންއިން ފެށިގެން ވިލާ ކޮލެޖުގެ މޫދުގެ ސަރަހައްދު
- ފަތާ ޓްރެކް ސަރަހައްދުގެ މޫދު
- ހަމަލާދިން މީހުން ދަތުރުކުރި މަގުތައް
- އެއް ނަންބަރު ކުނިކޮށި
- ކަން ހިންގި މީހުން މާލެއިން ބޭރަށް ގޮސްދާނެ ކަމަށް ބަލައި މާލެއާ ކައިރި ބައެއް ރަށްތައް
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝަމީމް ވިދާޅުވީ، ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ހުށަހެޅުނު ވަގުތުން ފެށިގެން އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށެވެ.
އެގޮތުން، މައްސަލަތައް ފެށުނު ހިސާބުން ފެށިގެން ލިބުނު ބައެއް ފޮރިންސިކް ހެކިތައް ނައްތާލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ޝަމީމް ވިދާޅުވީ، ޔާމިން ރަޝީދުގެ މަރާ ގުޅިގެން ހޯދި އެއްވެސް ހެއްކެއް ނައްތާލައި އަސްލާ އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އަދި ވިދާޅުވީ، އެ މައްސަލަ ތަހުގީގުގައި ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ހެކިތަކެއް ޕްރޮސިކިއުޓާރ ޖެނެރަލަށް ފޮނުވާ ކަމަށެވެ.