ސްޓޯކް ސިޓީއަށް ކެމަރޫން ފޯވަޑެއް

ސްޓޯކް ސިޓީއަށް ސޮއިކުރި ކެމަރޫން ފޯވަޑް އެރިކް މެކްސިމް ޗޯޕާ މޮޓިންގް: އޭނާ އެ ކްލަބާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ---

ސްޓޯކް ސިޓީން ކެމަރޫން ފޯވަޑެއްގެ ސޮއި ހޯދައިފިއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ކެމަރޫންގެ އެރިކް މެކްސިމް ޗޯޕާ މޮޓިންގް، ސްޓޯކްއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަނަށްފަހު ޖަރުމަންގެ ޝާލްކޭއާއެކު އުމުރުން 28 އަހަރުގެ ޗޯޕާ މޮޓިންގް ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. ޝާލްކޭގައި ތިން ސީޒަން ޗޯޕާ މޮޓިންގް ހޭދަކުރިއިރު، އެ މުއްދަތުގެ ތެރޭގައި އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ 18 ލަނޑެވެ.

"ސްޓޯކްގެ އާއިލާގެ މެންބަރަކަށް ވެވުނީތީ ވަރަށް އުފާކުރަން. ސްޓޯކްއާއެކު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަން ފުރުސަތެއް ލިބުނީތީ ވަރަށް އުފާކުރަން. އަހަރެން ދެކެނީ ދުނިޔޭގެ ލީގުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާ މުބާރާތަކީ ޕްރިމިއާ ލީގު ކަމަށް،" ސްޓޯކްއަށް ސޮއިކުރުމަށްފަހު ޗޯޕާ މޮޓިންގް ބުންޏެވެ.

ޗޯޕާ މޮޓިންގް ބުނީ، ޖަރުމަން ބުންޑަސްލީގާއަކީ ދަށް ލީގެއް ނޫން ކަމަށާއި އެކަމަކު އެ ލީގަށްވުރެ ޕްރިމިއާ ލީގު ހާއްސަ ކަމަށެވެ. އަދި ކެރިޔަރުގެ ކޮންމެ ވެސް ހިސާބެއްގައި ޕްރިމިއާ ލީގުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޗޯޕާ މޮޓިންގްއަކީ ކެމަރޫން ގައުމީ ޓީމަށް ކުޅެ، 13 ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޯލްޑް ކަޕް 2010ގައި ކެމަރޫން ޓީމަށް ކުޅެފައެވެ.

comment ކޮމެންޓް