މިއަދު ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ސުޕަރކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު، ރެއާލްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ މެޗުގައި ކުޅޭނޭކަމަށް އެޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ކޮށްފައިވާ ޓެކުހަށް މަކަރު ހެދުމުގެ މައްސަލައިގައި، ސްޕެއިންގެ އިތުރުން ރެއާލްވެސް ދޫކޮށް އިނގިރޭސި ވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރެއާލްގެ ކާމިޔާބު ކޯޗު ޒިދާން ބުނީ، އޯފް-ސީޒަން ތެރޭގައި ފެތުރިގެން ދިޔަ އަޑުތަކަކީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫންކަމަށާއި، މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ރޮނާލްޑޯ ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
މިހިނގާ ޓްރާންސްފަރ ވިންޑޯ ބަންދުވުމުގެ ކުރީން، ރޮނާލްޑޯ އެހެން ކްލަބަލަ ބަދަލުވާނޭ ކަމުގެ އަޑުތައް ވަރަށް ގަދަވެފައިވާއިރު، އޭނާ ހިނގައިދާނޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކްލަބަކީ ކުރީން އެޓީމަކާ ރޮނާލްޑޯއާ ދެމެދު ވަރަށް ފޮނި މާޒީއެއް އޮތް މެންޗެސްޓާ ޔުނައިޓެޑެވެ.
ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން މިއަދު މެސެޑޯނިއާގެ ވެރިރަށް ސްކޯޕްޔާގައި ކުރިމަތިލާއިރު، އެމެޗަށް ޕޯޗްގީޒްގެ ކެޕްޓަން ރޮނާލްޑޯ، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރާ ކަމަށް ޒިދާން ބުންޏެވެ.
"ވޭތުވެ ދިޔަ ދުވަސްތަކުގައި ރޮނާލްޑޯއާ ގުޅޭގޮތުން ވަރަށް ބައިވަރު ބޭކާރު ވާހަކަތައް އަޑުއިވިގެން ދިޔަ. އެހެންނަމަވެސް އޭނާ ހުރީ ވަރަށް ހަމަޖެހިފައި،" ރެއާލްގެ ކޯޗު ބުންޏެވެ.
"އަހަންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، އޭނާ ފިޒިކަލީ އެހާ ފިޓްކޮށް ހުރީމަ، ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅުނު ދުވަހު ހުރިހާ ފިޓްކޮށް މިހާރުވެސް އޭނާ ހުރީ."
ޒިދާން ބުނީ، ރޮނާލްޑޯއަކީ އަދިވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއް ކަމަށާއި، އޭނާ ހުރީ އަދިވެސް އެ ކްލަބުގައި ކަމަށެވެ. އެހެންކަމުން ފަހުން ކަންތައްތައް ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް، މިވަގުތު ރޮނާލްޑޯ ހުރީ ކްލަބާއެކު ކުރިއަށްދާން ފުރިހަމައަށް ތައްޔާރުގައި ކަމަށް ކޯޗެއްގެ ހައިސިއްޔަތުން ގަބޫލުކުރާ ކަމަށެވެ.
ސުޕަރ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 11:45ގައެވެ.