ވަޒީފާއަށް އެދި ހުށަހެޅި ނުވަ އަހަރުގެ ކުއްޖާއަށް ނާސާއިން ދިން ހިތްގައިމު ޖަވާބު

ނުވަ އަހަރުގެ ޑޭވްސް ފޮނުވި ސިޓީ އާއި ނާސާއިން ދިން ޖަވާބު ---

އެމެރިކާގެ ޖައްވީ މައި އިދާރާ ނާސާއިން އިއުލާނުކޮށްފައިވާ ވަޒީފާއަކަށް އެދި އެ އިދާރާއަށް ސިޓީ ފޮނުވި ނުވަ އަހަރުގެ ފިރިހެން ކުއްޖާއަށް ނާސާއިން ހިތްގައިމު ޖަވާބެއް ފޮނުވައިފި އެވެ.

ވޭތުވެދިޔަ ހަފްތާގައި ނާސާއިން އިއުލާނު ކުރީ އެ އިދާރާއަށް "ޕްލެނެޓަރީ ޕްރޮޓެކްޝަން އޮފިސަރ" އެއް ބޭނުންވާ ކަމަށެވެ. އެ ވަޒީފާގެ މުސާރައެއްގެ ގޮތުގައި 124،000 އާއި 187،000 ދެމެދުގެ އަދަދެއްގެ ޑޮލަރު މަހަކަށް ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ ވަޒީފާއަށް އެދި ސިޓީ ލާފައިވަނީ އެމެރިކާއަށް ނިސްބަތްވާ ނުވަ އަހަރުގެ ޖެކް ޑޭވިސް އެވެ. އޭނާ ސިޓީ ލިޔެފައި ވަނީ ފަންސޫރަކުންނެވެ. ސިޓީ ފަށަމުން ނަން ހާމަ ކުރުމަށް ފަހު ބުނެފައި ވަނީ ނާސާއިން އިއުލާނުކޮށްފައިވާ "ޕްލެނެޓަރީ ޕެރޮޓެކްޝަން އޮފިސަރ" ގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ކަމަށެވެ.

" އަހަންނަށް ނުވަ އަހަރު އެކަމަކު ތި ވަޒީފާއަށް އަހަރެން ގާބިލްވާނެ ކަމަށް ގަބޫލުކުރެވޭ. އެއް ސަބަބަކީ އަހަރެންގެ ދައްތަ ބުނޭ އަހަންނަކީ އޭލިއަން އެކޭ،" ޑޭވްސްގެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ޑޭވްސް އިތުރަށް ބުނެފައިވަނީ އޭލިއަންސް އާއި ޕްލެނެޓްތައް ދައްކާ ހުރިހާ ފިލްމެއް އޭނާ ބަލާފައިވާ ކަމަށެވެ. އަދި އިތުރު ދެ ފިލްމެއްގެ ނަން ފާހަގަކޮށް އެއް ފިލްމް ބަލާފައިވާ ކަމަށާއި އަނެއް ފިލްމްވެސް ބެލުމުގެ އުންމީދުގައި ހުރި ކަމަށް ބުނެފައިވެ އެވެ.

އަދި ވީޑިއޯ ގޭމް ކުޅެން ވަރަށް މޮޅު ވާނެ ކަމަށާއި އުމުރުން ޅަ ކުއްޖަކަށް ވުމުން އޭލިއަންއެއްގޮތަށް ވިސްނަންވެސް ދަސްކުރެވިދާނެ ކަމަށް ޑޭވްސް ބުނެފައިވެ އެވެ.

ކުޑަކުޑަ ޑޭވްސްގެ އެ ސިޓީއަށް ނާސާއިން ވަނީ ޖަވާބު ފޮނުވާފައެވެ. ނާސާގެ ސިޓީގައި ބުނެފައިވަނީ "ޕްލެނެޓަރީ ޕެރޮޓެކްޝަން އޮފިސަރ" އަށް ޑޭވްސް ކުރިމަތި ލުމަކީ ވަރަށް ހިތްގައިމު ކަމެއް ކަމަށެވެ.

އެހެންނަމަވެސް އެ ވަޒީފާއަކީ ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއްކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހަނދާއި މާސްއިން ސާމްޕަލްތައް ގެންނައިރު ކުރިމަތިވެދާނެ ކަންކަމުން ދުނިޔެ ސަލާމަތް ކުރުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ނާސާއިން އަބަދުވެސް ސައިންސްވެރިންނާއި އިންޖިނިއަރުންނަށް ބޭނުންވާ ކަމަށާއި ރަނގަޅަށް ކިޔަވައިގެން ނާސާއަށް ހިދުމަތްކޮށްދޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް