ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލާގައި 12 މެންބަރެއްގެ މައްޗަށް ތަހުގީގު ހިންގުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިއަދު ވެސް ތިން މެމްބަރެއްގެ ބަޔާން ނަގައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވައިލި ކަމުގެ ތުހުމަތުގައި މިއަދު ބަޔާން ނަގާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.
މިއަދު މެންދުރާއި ހަވީރު އިބްރާޙިމް ދީދީ އާއި އަރީފް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، މީގެ ކުރިން އެ ދެ މެންބަރުން ވަނީ ހަމަ އެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
ފުލުސް އޮފީހަށް ބަޔާން ދިނުމަށްފަހު އެ ދެ މެންބަރުން ވިދާޅުވީ ދެން އިތުރު ދުވަހަކަށް ހާޒިރުވާން އަންގާފައި ނެތުމުން ގަބޫލު ކުރެވެނީ ތަހުގީގަށް ބަޔާންދީ ނިމުނީ ކަމަށެވެ.
މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވުމަށްފަހު ރުކުމާ ވިދާޅުވީ ދުނިޔޭގެ ތާރީހުގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހެއްގައި ހިމެނޭ މެންބަރުންގެ ތެރެއިން 20 ޕަސެންޓް މީހުނަށް އެއްފަހަރާ ދައުވާކުރި ތަނެއް ފެނިފައިނުވާ ކަމަށެވެ. މިއީ އެ މައްސަލާގައި ރުކުމާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރި ދެ ވަނަ ފަހަރެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތައް ކަމުގައިވާ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތުގެ އިތުރުން ރައީސް މައުމޫނަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންނާއެކު އިދިކޮޅު މެމްބަރުން މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ޖަލްސާ ބާއްވަންޖެހޭނެ ކަމަށް ބުނެ އެވެ. މ. ކުނޫޒުގައި އިދިކޮޅު މެމްބަރުން ބޭއްވެވި ބައްދަލުވުމަކަށްފަހު ހުރިހާ މެމްބަރުން ހިނގަވާފައި މަޖިލީހަށް ވަޑައިގަތުމުން ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނީ ކުނޫޒުން ނުކުމެ ހިނގައިގަތުމާއެކު، އެ ސަރަހައްދުގައި ފުލުހުންގެ ސަފެއް ދެމި ކަމަށާއި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަފު ރޫޅާލި ކަމަށެވެ.
މަޖިލީހަށް މެމްބަރުން ވަޑައިގަންނަވާ ސަބަބު ފުލުުހުންނަށް އޮޅުން ފިލުވައި ދިނުމުން، ދަމާފައި އޮތް ސަފު އަމިއްލައަށް ރޫޅާލައި ޖާގަ ދެއްވީ އޮޅުން ފިލުވައިދިނުމުން އެކަން ގަބޫލު ކުރައްވައިގެން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައިވެ އެވެ.
ނަމަވެސް މަޖިލީހަށް މެމްބަރުން ވަޑައިގަންނަވަނިކޮށް، މަޖިލިސް ކައިރީގައި ކުއްލި ގޮތަށްކަށް ދެތިން ފުލުހަކު ނުކުމެ ދެމި ސަފު މެމްބަރުން ވަނީ ފޫއަޅޫވާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުން ބުނަމުންދަނީ މެމްބަރުންގެ ވާޖިބަށް ފުލުހުންނަށް ހުރަސް އެޅޭނެ ކަމަށް ގަބޫލުފުޅު ނުރައްވާ ކަމަށެވެ.
އަރީފް އާއި އިބްރާހިމް ދީދީގެ އިތުރުން ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ވަން ކަމުގެ ތުހުމަތުގައި ފުލުހުން ތަހްގީގު ކުރަމުން އަންނަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެންގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހިމެނެ އެވެ.
އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސުއުދު ހުސެން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ގެ މައްސަލަ ތަހްގީގު ކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.