ޓިކްޓޮކްގެ ވަފުދާ ސީޕީ ވެސް ބައްދަލުކުރައްވައި، ސަލާމަތީ ކަންތައްތަކާ ގުޅޭ މަޝްވަރާތަކެއް ކުރައްވައިފި

ޓިކްޓޮކްގެ ވަފުދާ، ސީޕީ ޝުޖާއު ބައްދަލުކުރެއްވުން: އެ ބައްދަލުވުމުގައި، ޓިކްޓޮކާ ގުޅުން ހުރި ސަލާމަތީ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި -- ފޮޓޯ/ ހޯމް މިނިސްޓްރީ

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މިހާރު އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ, ޓިކްޓޮކްގެ ފަރާތުން ރާއްޖެ އައިސްފައިވާ ވަފުދާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓިކްޓޮކްގެ ޓީމުން އެ މިނިސްޓްރީއަށް ޒިޔާރަތް ކުރި ކަމަށާއި، އެ ވަފުދާ ބައްދަލުކުރެއްވީ ސީޕީ ޝުޖާއުއާއި ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތު ކަމަށެވެ.

އެ ބައްދަލުވުމުގައި، ޓިކްޓޮކް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އެ ޕެލެޓްފޯމްގެ ސަލާމަތީ ކަންތައްތަކާއި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ޓިކްޓޮކްގެ ވަފުދުން ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި، ދިވެހީންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، ޓިކްޓޮކްގެ ވަފުދުގެ ޒިޔާރަތުގައި ރާއްޖެއަށް ޓިކްޓޮކްގެ އިތުރު ޚިދުމަތްތައް ތައާރަފު ކުރުމަށް، ކަމާ ގުޅޭ އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ ގާނޫނީ ކަންކަމާއި، ފައިސާގެ މުއާމަލާތްތަކާއި، ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓިކްޓޮކްގެ ވަފުދާ، ހޯމް މިނިސްޓްރީއާއި ސީޕީ ޝުޖާއު ބައްދަލުކުރެއްވުން: އެ ބައްދަލުވުމުގައި، ޓިކްޓޮކާ ގުޅުން ހުރި ސަލާމަތީ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި -- ފޮޓޯ/ ހޯމް މިނިސްޓްރީ

މީގެ އިތުރުން، ކޮންޓެންޓް އުފައްދާ މީހުންނަށް ޚާއްސަކޮށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރިއެވެ.

ޗައިނާގެ ޕްލެޓްފޯމެއް ކަމަށްވާ, ޓިކްޓޮކް ބޭނުންކުރާ މީހުން ފައިސާ ހޯދަނީ ކްރިއޭޓާ ފަންޑް ނުވަތަ ރިވާޑްސް ޕްރޮގްރާމާއި ލައިވްތައް ޖެއްސުމުން ލިބޭ ހަދިޔާއާއި ބްރޭންޑް ޑީލްތައް ފަދަ ކަންކަން މެދުވެރިކޮށެވެ. އަދި، އެކިއެކި ޕްރޮޑަކްޓްތައް ޕްރޮމޯޓްކޮށްގެންނާއި އަމިއްލައަށް ތަކެތި ވިއްކައިގެން ވެސް ފައިސާ ހޯދައެވެ. ބައެއް މީހުން ޓިކްޓޮކް ޝޮޕް މެދުވެރިކޮށް ސީދާ އެޕްލިކޭޝަންގައި އުފެއްދުންތައް ވިއްކައިގެން ނުވަތަ ޕްރޮމޯޓްކޮށްގެން ވެސް އާމްދަނީ ހޯދައެވެ.

މީގެ ތެރެއިން ދިވެހީންނަށް މިހާރު އާމްދަނީ ހޯދެނީ ލައިވްތަކުގައި ލިބޭ ގިފްޓްތަކުންނެވެ.

ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ރާއްޖޭގައި ވަރަށް މަގުބޫލު ޕްލެޓްފޯމްތަކެއް ނަމަވެސް އެހެން ގައުމުތަކުގެ ރައްޔިތުންނަށް އޮންނަ, އާމްދަނީ ހޯދުމުގެ ފުރުސަތު އަދި ދިވެހީންނަށް ފަހިވެފައެއް ނުވެއެވެ. އެހެންކަމުން އެ ފުރުސަތު ދިވެހީންނަށް ހޯދައި ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް