ސްޕެއިންގެ ކްލަބުތަކަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރީންނަށް މިފަހަކަށް އައިސް ދަނީ ވަރަށް ނުރައްކާތެރި "ރޯގާ"އެއް ޖެހެމުންނެވެ. އޭގެ ސަބަބުން ބައެއް ކުޅުންތެރީން، ކުޅެމުން އަންނަ ކްލަބާއި އެ ގައުމުމަތީން ވެސް ފޫހިވާފަހަރު މަދެއް ނޫނެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގު އޮންނަ ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރީންނަށް މިފަހަކަށް އައިސް ކުރިމަތިވެގެން އުޅޭ ބަލިމަޑުކަމަކީ ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ކުޅުންތެރީންނާ މެދު ފިޔަވަޅު އެޅުމެވެ. މި ކަންތައްގަނޑު އާންމުވެގެން ދިޔައީ، ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރީން ގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއާއި ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސްޕެއިންގައި ޓެކުހުގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ހިސާބުންނެވެ.
ސްޕެއިންގެ ޓެކްސް އޮތޯރިޓީން ވަނީ، ރޮނާލްޑޯގެ މައްޗަށް 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދުމުގެ މައްސަލައެއް ފެންމަތިކޮށްފައެވެ. އަދި މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރޮނާލްޑޯ ވަނީ އެމައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ. ނަމަވެސް ރޮނާލްޑޯ ދަނީ އެއީ ބަޔަކު ފާޅުގައި އޭނާގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމުތަކެއް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.
އެންމެ ފަހުން ރޮނާލްޑޯ ވަނީ އޭނާގެ މައްސަލަ ބަލަމުންދާ ފަނޑިޔާރުގެ އަރިހުގައި، ތިމަންނާ ދެން ބޭނުން ވަނީ ސްޕެއިން ދޫކޮށް އިންގްލޭންޑަށް ބަދަލުވުމަށް ކަމަށްވެސް ބުނެފައެވެ.
"އިންގުލެންޑްގައި އަހަންނަށް މިފަދަ ކަންކަމާ ކުރިމަތިލާކަަށް ނުޖެހޭ. އެހެންވެ މިހާރު އަހަރެން ބޭނުންވަނީ އެނބުރި އިންގްލޭންޑަށް ދާން،" ފަނޑިޔާރު މޮނިކާ ގޮމޭޒްގެ ސުވާލުތަކަށް ޖަވާބުދެމުން ރޮނާލްޑޯ ބުންޏެވެ.
"އަހަންނަކީ އަބަދުވެސް ޓެކްސް ދައްކާ މީހެއް. އިންގްލޭންޑްގައި ވެސް އަދި ސްޕެއިންގައިވެސް."
"އެންމެނަށްވެސް އެނގޭނޭ ފަދައިން އަހަންނަކީ އެއްވެސް ކަމެއް ފޮރުވޭނޭ މީހެއް ނޫން. އަހަރެން އެފަދަކަމެއް ކުރާނަމަ އެއީ ވަރަށް ހަމަނުޖެހޭ ކަމަކަށް ވާނީ. ސަބަބަކީ އަހަންނަކީ ހުޅުވިފައިވާ ފޮތެއް ފަދަ މީހެއް."
ރޮނާލްޑޯ ބުނީ، އޭނާއަކީ އެއްވެސް ކަމެއް ފޮރުވައިގެން އުޅޭ، އަދި ފޮރުވައިގެން ކަންކަން ކުރެވޭނޭ މީހެއްވެސް ނޫންކަމަށެވެ.
"ގޫގުލްގައި ރޮނާލްޑޯ ޖަހާލާފައި ސާރޗްކޮށްލުމުން، އަހަންނާ ބެހޭ ހުރިހާ މައުލޫމާތެއް ފެންނާނެ. މިސާލަކަަށް ފޯބްސް މެގަޒިންއިން ވަނީ އަހަރެންގެ އާމްދަނީއާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަކޮށްފައި،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ އޭނާވާނީ 2014 ވަނަ އަހަރު ހުރިހާ ޓެކުހެއް ބަރާބަރަށް ދައްކާފައި ކަމަށާއި މިހާރު އޭނާގެ މައްޗަށް ސްޕެއިންގައި ކުރަމުން އަންނަ ތުހުމަތުތަކަށް ދޭނޭ އިތުރު އެއްވެސް ޖަވާބެއް ނެތްކަމަށެވެ.
"އަހަރެން ސްކޫލަަށް ދިޔައީ ހަވަނަ އަހަރާ ހަމައަށް. އޭގެ ފަހުން އަހަރެން ކުރިހާވެސް ކަމަކީ ފުޓްބޯޅަ ކުޅުން، އަހަންނަށް ވަރަށް ރަނގަޅަށް ފުޓްބޯޅަ ކުޅެން އެނގޭ. ދެން އަހަރެންގެ އެޑްވައިޒަރު ވަކިގޮތަކަށް ކަމެއް ކުރާން ބުނީމަ އެގޮތަށް އަހަރެން ކަންކަން ކުރަނީ،" ޕޯޗްގީޒް ކެޕްޓަން ބުންޏެވެ.
އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ދިފާއު ކުރަމުން ރޮނާލްޑޯ ބުނީ، އެއްވެސް އޮޅުވާލުމެއް ނެތި، ތެދު ހަގީގަތަށް ބުނާ ކަމަށް ވަންޏާ އަބަދުވެސް ބުނެވޭނީ "އަހަންނަކީ މަޖަރު ހަދާނޭ މީހެއް ނޫން، އަހަރެން ބަރާބަރަށް ހުރިހާ ޕޭމަންޓުތަކެއް ދައްކަން،" ކަމަށެވެ.
"އަހަރެން އަހަރެންގެ އެޑްވައިޒަރުންނަށް އިތުބާރުކުރަން. އެއީ ހަމަ ބެސްޓް. އަހަރެން އެމީހުންނަށް ރަނގަޅު އެއްޗެއް ދެން. އެމީހުންވެސް އަހަންނަށް ވަރަށް ރަނގަޅު. އެހެންވެ އަހަރެންގެ ހުރިހާކަމެއް ވެސް ދޫކޮށްލާފައި ވާނީ އެމީހުންގެ އަތް މައްޗަށް."
ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ކޯޓުން ކޮށްފައި ވަނީ، 2011 އިން ފެށިގެން 2014ގެ ނިޔަލަށް 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހަދާފައިވާ ކަމުގެ ދައުވާގެ ދައުވާ އެވެ. އިމޭޖް ރައިޓްސްއަށް ހާއްސަ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ރޮނާލްޑޯގެ މައްޗަށް ތުހުމަތު ކުރަމުންދިޔަ ނަމަވެސް، އެ ހުރިހާ ކަމަކަށް ވެސް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.