ސަފު ފޫއަޅުވާލި މައްސަލާގައި މެމްބަރު އަލީ ހުސައިންގެ ބަޔާން ނަގައިފި

އަލީ ހުސައިން ފުލުސް އޮފީހުން ނުކުމެގުން އަންނަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާއަށް އިދިކޮޅު އިއްތިހާދުގެ މަޖިލިސް މެމްބަރުން ވަނުމަށް ހުރަސް އަޅާފައިވަނިކޮށް ފުލުހުންގެ ސަފުތަށް ރޫޅާލަން މަސައްކަތް ކުރި ކަމަށް ބުނެ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ބަޔާން ނަގައިފި އެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވައިލި ކަމުގެ ތުހުމަތުގައި މެމްބަރު އަލީ ހުސައިން ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ނެގީ ލޯޔަރަކާއެކު ވަޑައިގެންނެވުމުންނެވެ.

މެމްބަރު އަލީ ހުސައިންގެ ގާނޫނީ ވަކީލު ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

އެ ތުހުމަތާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު މ.ކުނޫޒު ކައިރިން ފެށިގެން މަޖިލިސް ކުރާ ގެއާ ހަމައަށް ވަޑައިގެންނެވުމާ ހަމައަސް ހިނގާދިޔަ ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް މެމްބަރު އަލީ ހުސައިން ފުލުހުންނަށް ކިޔައި ދެއްވާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

އެ މައްސަލާގައި ދެން އަލުން ހާޒިރުވުމަށް ވަކި ތާރީހެއް އަންގާފައި ނުވާ ކަމަށް އަލީ ހުސައިންގެ ވަކީލު ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފު ފޫއަޅުވާލި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

އެ ބޭފުޅުންގެ އިތުރުން އިދިކޮޅު ހަތަރު މަޖިލިސް މެމްބަރެއްގެ މައްޗަށް ވެސް ފުލުހުންގެ ސަފު ފޫއަޅުވާލި ކަމުގެ ތުހުމަތުކޮށް، ތަހުގީގު ފަށާފައިވެ އެވެ.

comment ކޮމެންޓް