މަޖިލިސް ހިސޯރުކުރިކަމަށް ބުނެ ވާހަކަ ފަތުރަމުންދަނީ މުއައްސަސާގެ އަގުވައްޓާލުމަށް: ޑިފެންސް

ޖުލައި 24، 2017: ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހަށް ވަތް މެމްބަރުން ރަޔަޓް ސިފައިން ބާރުގެ ބޭނުންކޮށްގެން މަޖިލީހުން ނެރެނީ--- ފޮޓޯ/ ޓްވިޓާ

އެމްއެންޑީއެފުން ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެ މުއައްސަސާގެ އަގުވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕެގެންޑާއެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މުއައްސަސާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަޖިލީހުގެ ސަލާމަތީ ކަންކަން ގައުމީ ދިފާއީ ބާރުން ބަލަހައްޓަމުން ދަނީ ގާނޫނު އަސާސީގައި މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ކަނޑައަޅާފައިވާތީ ކަމަށެވެ.

އެގޮތުން މިމަހުގެ 23 އިން ފެށިގެން އިއްޔެގެ ނިޔަލަށް ހާއްސަ ގޮތެއްގައި މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ހަރުދަނާ ކުރީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް މެދުވެރިވެދާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީ އާއި އެތަނުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަޖިލީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދުމުން ކަމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން މިމަހުގެ 24 އިން ފެށިގެން 31 އާ ހަމައަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީ ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށް މަޖިލީހުން އަންގާފައިވަނިކޮށް، އެ ދުވަހު ހިންގާ ސިޔާސީ ހަރަކާތްތަކަކީ ޣައިރު ގާނޫނީ ހަރަކާތްތަކެއް ކަމަށް ފުލުހުން އިއުލާނު ކުރުމުން އެ މުއައްސަސާތައް ހިމާޔަތް ކުރުމަކީ ގާނޫނު އަސާސީން ސަލާމަތީ ހިދުމަތްތަކަށް ލާޒިމު ކުރާ ކަމަކަށް ވާތީ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މުއައްސަސާއަށް ރައްޔިތުންކުރާ އިތުބާރު ކުޑަކުރުމަށާއި ރާއްޖެއާއި ރާއްޖެ އިން ބޭރުގައި ނުތަނަވަސްކަން އުފައްދައި، އާއްމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ވަރަށްވެސް ނާތަހުޒީބު އަމަލެކެވެ. ބޭރު ދުނިޔޭގައި ރާއްޖެ އިތުރަށް ބަދުނާމު ކުރުމަށް ކުރަމުންދާ ގައުމިއްޔަތާ ދެކޮޅު އަމަލެކެވެ."، މަޖިލިސް ހިސޯރު ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ގާނޫނާ އެއްގޮތަށް ސިފައިންގެ ވާޖިބުތައް އަދާކުރުމަށް އެވަގުތަކު އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި ރާއްޖޭގައި އާލާވަމުންދާ ޑިމޮކްރަސީގެ ޅަފަތުގައި ރައްޔިތުންގެ ބަސްބުނުމާއި އަޑު އުފުލުމާއި ހައްގު ހޯދުމަށް ކުރާ މަސައްކަތް ކުރުމުގައި އިސްލާމްދީނާއި ގައުމާއި ސަގާފަތަށް އިޙްތިރާމު ކުރުމަށް އެދިވަޑައިގެންފައިވެ އެވެ.

comment ކޮމެންޓް