ލޯންޗެއް އަޑިއަށްގޮސް ކަނޑުވި މީހުން ސަލާމަތްކޮށްފި

ލޯންޗެއް އަޑިއަށް ގޮސް، އެ ލޯންޗުން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބައި ކޯސްޓްގާޑުން އެ މީހުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު މެންދުރު 12:30 އެހައިކަންހާއިރު، އަޑިއަށް ދިޔައީ ޅ. މާބިންހުރާ އިން ފުރައިގެން ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރު ކުރަމުން ދިޔަ "މޫންލައިޓް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.

ކޯސްޓްގާޑުން އެ ސަރަހައްދަށް ދިޔައިރު އެ ލޯންޗުން ދަތުރުކުރި ހަ މީހުން ތިބީ ކަނޑުވެފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމީހުން މިހާރު ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފަ އެވެ. އެ ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަކޮށް، މޫސުން ގޯސްވާނޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބުނެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ، "މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ" ކަމަށެވެ.

comment ކޮމެންޓް