ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ބައެއް، ވަޅި ހެރީ ބޮލަށް

މާރާމާރީ ހިންގި ކެފޭތެރޭގައި ޒަހަމްވި ޒުވާނާގެ ގަމީސް --- ސަން ފޮޓޯ

މާލޭގެ ކެފޭއެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

މާރާމާރީގައި ޒަހަމްވީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އެވެ. އޭނާގެ ހާލު ސީރިއަސްވެ، އޭޑީކޭ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ނަދީމު ޒަހަމްކޮށްލާފައި ވަނީ ލޮނުޒިޔާރަތް މަގުގައި ހުރި ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅިހަރައިގެންނެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ އެ މާރާމާރީ ހިންގީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ކެފޭއަށް ވަދެ ކަމަށާއި ވަޅި ހެރީ ނަދީމުގެ ބޮލަށް ކަމަށެވެ.

މާރާމާރީ ހިންގި ކެފޭގެ ބައެއް ތަކެއްޗަށް ގެއްލުންދީފައި--- ސަން ފޮޓޯ

މާރާމާރީ ހިންގި ކެފޭތެރޭގައި ގިނަ އަދަދަށް ލޭ އެބަހުއްޓެވެ. އަދި މާރާމާރީ ހިންގުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ވަޅި ވެސް އެތަނުގައި އެބަ އޮތެވެ. ފުލުހުން ވަނީ އެ ކެފޭ ބަންދުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންނެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގާފައި ވަނީ މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށާއި މާރާމާރީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ވަނީ ސިލްސިލާ މާރާމާރީތައް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލާފަ އެވެ.

comment ކޮމެންޓް