އެޑިޓަރުގެ ނޯޓް: މިއީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން 26 ޖުލައި 2015 ގައި ސަންއޮންލައިންގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓް އަލުން މި ޝާއިއުކުރަނީ ގިނަ ކިޔުންތެރިން ތަކެއްގެ އެދުމުގެ މަތިންނެވެ. ރާއްޖެ މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީ ފަދަ ބޭފުޅުން މި ރިޕޯޓު ތައްޔާރުކުރި އިރު ދުނިޔޭގައި ތިއްބެވިއެވެ. ގައުމީ ބަތަލުންނަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.
އެއީ މީގެ 50 އަހަރު ކުރި އެވެ. ހިމާޔަތަށް ކަމަށް ބުނެ 1887 ގައި އިނގިރޭސީންގެ އަތްދަށަށް ދިވެހިން ދިޔަ އެވެ. ވަކި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބުނެފައި ވަނީ ރާއްޖެ ދިފާއު ކުރުމަށް އިނގިރޭސީންގެ ލަޝްކަރެއް ބޭނުންވެއްޖެ ކޮންމެ ތައްޔާރީއެއް ކުރުމާއި އެފަދަ ތައްޔާރެއް ދެމެހެއްޓުމުގެ ހައްގު އިނގިރޭސި ދައުލަތަށް ލިބިގެންވާ ކަމަށެވެ. އެ ހިމާޔަތުގެ އެ އެއްބަސްވުމުގެ އެންމެ އަސާސީ ނުކުތާއަކީ، ދިވެހީންގެ ދާޚިލީ ކަންކަމާ އިނގިރޭސި ދައުލަތުން ނުބެހުމެވެ. ނަމަވެސް ކަން ހިނގީ އެގޮތަށް ނޫނެވެ.
ރާއްޖެ އިނގިރޭސީންގެ އަތް ދަށުން މިނިވަން ކުރި ބަތަލު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާ އެކު ދެން އެންމެ އިސްދައުރެއް އަދާކުރައްވާފައި ވަނީ އޭރު ސްރީ ލަންކާގައި ދިވެހި ސަފީރަކަށް ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީ އާއި އޭރުގެ ދާހިލީ ވަޒީރު އަދި ބޮޑުވަޒީރުގެ ނައިބް އިބްރާހިމް ރަޝީދެވެ. ތިރީގައި އެވަނީ މިނިވަން ދުވަހާ ގުޅުވައިގެން އެ ދެބޭފުޅުން ސަން މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ދިވެހިން ތިބީ އިނގިރޭސީންގެ އަޅުވެތިކަމެއްގައި!
ދިވެހިން ތިބީ އިނގިރޭސީންގެ ހިމާޔަތުގައި ކަމަށާއި އެ މީހުން ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހޭ ކަމަށް ދެކެވޭ ވާހަކަތަކާ އަބްދުއް ސައްތާރު ދެކޮޅެވެ. އެ ދުވަސްތައް ތަޖުރިބާކުރައްވައި އަދި ރާއްޖެ މިނިވަން ކުރުމުގެ މަޝްވަރާގައި އިސްދައުރެއް އަދާކޮށްފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ވިދާޅު ވަނީ އިނގިރޭސީންގެ އަތް ދަށުން ރާއްޖެ މިނިވަންވީ އަޅުވެތިކަމުގެ އިހުސާސްތަކެއް ކޮށްފައި ކަމަށެވެ.
"ކިތަންމެ ކަމެއް ހުންނާނެ އިނގޭތޯ، ލިޔުމުގައި ދާޚިލީ ކަންކަމަކާ ނުބެހެވޭ ނަމަވެސް މުހިންމު ދާޚިލީ ކަމެއް އެ މީހުން [އިނގިރޭސީން] ސީދާ އަދި ނުސީދާ ގޮތަކަށް ނުބެހޭ ކަމެއް އަޅުގަނޑަށް ހީވަނީ މަދުވެފައިހެން އޮންނަނީ،" އަބްދުސައްތާރު ވިދާޅުވި އެވެ.
އިނގިރޭސީންގެ ހުއްދައެއް ނެތި ދިވެހިންނަށް ރާއްޖެ އިން ބޭރަށް ދަތުރު ކުރުމުގެ މަގު ވެސް އޭރު ވަނީ ބަންދުވެފަ އެވެ. އިނގިރޭސީންގެ ޕާސްޕޯޓެއް ނެތި ލަންކާ ފިޔަވައި އެހެން ގައުމުތަކަށް ދަތުރެއް ނުކުރެވެ އެވެ. އެހެންކަމުން އެ ދުވަސްވަރު ދިވެހިންގެ ޕާސްޕޯޓް ވެސް ވެފައި ވަނީ އިނގިރޭސީންގެ މިލްކަކަށެވެ.
"ނަވާރަސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރުގައި އެގްރިމެންޓުގައި ސޮއިކޮށް ފުރިހަމަ މިނިވަންކަން ލިބެންދެން އަޅުގަނޑުމެންނަކަށް ބްރިޓިޝް ޕާސްޕޯޓެއް ނެތި ސިލޯނުން ބޭރަކަށް ނުދެވޭނެ. އެއީ އިންޑިއާއަށް ދިޔަސް ހައްޖަށް ދިޔަސް. އަދި މިސްރަށް ދިޔަސް. އެހެން ތަނަކަށް ދިޔަސް،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
އިނގިރޭސީން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒުފޯރުވި މިންވަރު ވިދާޅުވެދެއްވަމުން އޭރުގެ ދާޚިލީ ވަޒީރު، އިބްރާހީމް ރަޝީދު ވިދާޅުވާ ގޮތުގައި ހުވަދު އަތޮޅަށް އިބްރާހިމް ނާސިރު ވަޑައިގެން ދިވެހި ސަރުކާރުގެ ބާރު އުފައްދާފައި ވަނިކޮށް އޭގެ ތިން އަހަރު ފަހުން އައްޑޫން މީހުން އައިސް ހުވަދޫގައި ތިބި ސަރުކާރުގެ މުވައްޒަފުން "ހައްޔަރުކޮށްގެން ކަހަލަ ގޮތަކަށް،" އައްޑުއަށް ގެންގޮސް އިނގިރޭސީންނާ ހަވާލުކުރި އެވެ. އެއަށް ފަހު އިނގިރޭސީންގެ އެހީތެރިކަމާ އެކު އެ މީހުން ލަންކާއަށް ގެންދިޔައެވެ.
މިނިވަންކަން ހޯދަން ފެށުނީ ކީއްވެ؟
އެއީ 1955 ވަނަ އަހަރެވެ. އަނެއްކާ ވެސް އިނގިރޭސީން އައްޑުއަށް އެރި އެވެ. އެއާއެކު ދިވެހި ދައުލަތާއި ދެކޮޅަށް މަސައްކަތްކޮށް ޢަބްދުﷲ ޢަފީފު އިސްކޮށް ބަހައްޓައި ގަޑުބަޑެއް ފެށި އެވެ. "އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ"ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދި އެވެ. އެއީ ދިވެހިން އިނގިރޭސީންނާ ދޭތެރޭ ރުޅިވެރިކަމުގެ ހުޅުކޮޅު ރޯވި ސަބަބަށް ވެގެންދިޔަ އެވެ. އެއާ އެކު އިބްރާހިމް ނާސިރުގެ ސަރުކާރުން ރާއްޖެ މިނިވަން ކުރުމުގެ މަސައްކަތް މެކުހަށް ޖެހިއެވެ.
މިނިވަންކަން ހޯދުމަށް ނާސިރަށް ހިތްވަރު ލިބިވަޑައިގެންނެވި އެހެން ހާދިސާއެއް ވެސް އެބަވެ އެވެ. ރާއްޖޭގެ ދާހިލީ ކަންކަމާ އިނގިރޭސީން ބެހުމުގެ ތެރެއިން އަބްދުﷲ އަފީފު ދިވެހި ސަރުކާރަށް ނޭނގި އިނގިރޭސީން ވަނީ ސީޝެލްސް އަށް ގެންގޮސްފަ އެވެ. އެކަމާ ގުޅޭ ގޮތުން އިނގިރޭސީންގެ ފަރާތުން ރާއްޖޭގައި ހުންނެވި ސަފީރު އާތިންޓަން ޑޭވީ، އާއި ނާސިރު ސުވާލު ކުރެއްވުމުން ޑޭވީ ދެއްވި ރުން ކުރު ޖަވާބަކަށްވީ "ހިމާޔަތުގެ އެގްރިމެންޓުގެ ދަށުން އަހަރެމެން ކޮންމެ މީހަކު ބޭނުންތަނަކަށް ގެންދެވޭނޭ. ދިވެހި ސަރުކާރަކަށް ބުނާކަށް ނުޖެހޭނޭ،" ކަމަށް ރަޝީދު ވިދާޅުވި އެވެ. ރަޝީދު ވިދާޅުވި ގޮތުގައި އެއީ ރާއްޖެ މިނިވަން ކުރައްވަން ނާސިރަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމެކެވެ.
"އައްޑޫ މައްސަލަ ފެންމަތިވުމުގެ ސަބަބުން މުޅި ރާއްޖޭގެ އޮތް ހުރިހާ އަތޮޅެއް އޮތީ ނާސިރުގެ އަތްޕުޅަށް އައިސް، އެހެންވީމަ ސަރުކާރުގެ ކޮންމެ ކަމަކަށް އެމީހުން ތަރުހީބު ދޭ. އެހެންވީމަ ސަރުކާރަށް ވަރަށް ފަސޭހަ. އެންމެން ތިބީ ނާސިރު ފަހަތުގައި،" ރަޝީދު ވިދާޅުވި އެވެ.
ދިވެހިންނާ އިނގިރޭސީންނާ މެދު ރުޅިވެރިކަމެއް އުފެދުނު!
އިނގިރޭސި މަންދޫބު ޑޭވީ މާލޭގައި އުޅެމުންދިޔައީ އާރާބާރާ އެކު އެވެ. އެގޮތުން އޭނާ ވަނީ ނާދީގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. މިހާރު ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހުރި އެ ނާދީ އަކީ އޭރުގެ ކުތުބުހާނާ އާއި އެކި ކުޅިވަރުތައް ކުޅުމާއި އަދި ހާއްސަ ހަފްލާތައް ބާއްވާ މަރުކަޒެވެ. އެތަނުގައި ޑޭވީ ވެރިޔަކަށް ހުންނެވީ ދިވެހިންގެ ތާއީދާއެކު އެވެ.
ނަމަވެސް އައްޑުއަށް އިނގިރޭސީން ގަދަވެ ވަކިވެގަންނަން އުޅުނު މައްސަލައިގައި ދިވެހިންގެ ލޭ ކެކެންފެށިއެވެ. އޭރުގެ ދާހިލީ ވަޒީރު ރަޝީދު ވިދާޅުވި ގޮތުގައި ދިވެހިންގެ ފަރާތުން ޑޭވީ އަށް "ގޯނާ" ކޮށް ހެދި އެވެ. މުލިއާގޭގައި ހުންނެވުމަށް ފަހު ޑޭވީ ބަދަލުވީ ދޫނިދޫއަށެވެ. އޭރުގެ އެ ރުޅިވެރިކަމުގައި ދިވެހި އަންހެނުންތަކެއް ވަނީ ޑޭވީ އެރަށުން ބާލަން ކަމަށް ބުނެ ދޯންޏެއްގައި ދޫނިދުއަށް ދާން ވެސް މަސައްކަތް ކޮށްފަ އެވެ. ރުޅިވެރިކަން އޮތީ އެވަރަށް ގޮސްފަ އެވެ. ނަމަވެސް އޭރުގެ ސިފައިން އެކަން ހުއްޓުވީ އެވެ.
އޭރު އިނގިރޭސީން ވަނީ ހުޅުލޭގައި ދަގަނޑުތަކެއް އަޅައިގެން އެއާޕޯޓެއް ހަދާފަ އެވެ. އެއީ އިނގިރޭސީއިންގެ ފުލައިޓް ޖެއްސުމަށްޓަކަ އެވެ. ޑޭވީއަށް ކެއުން ގެންނަނީ ވެސް އައްޑޫން ފުރައިގެން ހުޅުލެއަށް އަންނަ ބޯޓެއްގަ އެވެ. ފަހަކަށް އައިސް އުފެދުނު ރުޅިވެރިކަމުގައި ދިވެހިން ވަނީ ފުލައިޓް ޖެއްސުމަށް އަޅާފައި ހުރި ދަގަނޑުތައް ނަގާފަ އެވެ. ނަތީޖާއެއްގެ ގޮތުން ފުލައިޓެއް ނުޖެއްސެއެވެ. އެހެންކަމުން ޑޭވީއަށް ކެއުން ހިފައިގެން އަންނަ ބޯޓު ޖެހެނީ ދޫނިދުއާ ދިމާލަށް ބޭރަށް، ފެން ނުވަންނަ ގޮތް ހެދުމަށް ފަހު ކާނާ ވައްޓާލާށެވެ.
"އެއާޕޯޓް ދަގަނޑުތައް ނެގީ. ދަގަނޑުތައް ނެގީމަ ބޯޓެއް ނުޖެއްސޭ. ދެން ގަމުން އައިސް މަތިންދާ ބޯޓުން ވައްޓާލަނީ [ކާނާ] ދޫނިދޫ ބޭރަށް. ވައްޓާލީމަ ލޯންޗުގައި އައިސް ނަގައިގެން ކައިގެން އެހެން އުޅެފައި ޑޭވީ ދިޔައީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
މިނިވަން ވުމުގެ މަޝްވަރާ ފެށުނީ ކިހިނެއް؟
ރާއްޖެއިން އެދިގެން އިނގިރޭސީން އެއްބަސްވުމުގެ ޑްރާފްޓެއް ހެދި އެވެ. ލަންކާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ރާއްޖެއިން އިސްކޮށް ހުންނެވީ އަބްދުއްސައްތާރެވެ. މަޝްވަރާގައި ހިނގާ ކަންކަން މެސެޖުގެ ޒަރީޔާއިން ސައްތާރު ގެންދެވީ ނާސިރަށް އަންގަވަމުންނެވެ. ސައްތާރު ވިދާޅުވާ ގޮތުގައި މަޝްވަރާ ފެށިއިރު ވެސް ރާއްޖެއަށް މިނިވަންކަން ދޭން އޮތީ އެއްބަސްވެފަ އެވެ.
"ޑުރާފްޓާއި ހަމައަށް އައި އިރު މިނިވަންކަން ދިނުމާއި ބެހޭ ގޮތުން އުސޫލެއްގެ ގޮތުން އޮތީ އެއްބަސްވެފައޭ ދެންނެވިދާނެ. އެކަމަކު ދެންވޭނެ ގޮތްތަކާ މެދު ވާހަކަ ދައްކަން ޖެހެނީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
މިނިވަންކަން ލިބޭނެ ކަމުގެ ޔަގީންކަން އޮތްނަމަވެސް ބައެއް ކަންކަމުގައި ދިގު މަޝްވަރާތަކެއް ކުރަންޖެހުނެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އަބްދުއްސައްތާރު ފާހަގަ ކުރައްވަނީ ހުވަދޫ ކަނޑާއި އައްޑޫ ކަނޑުން ބޭރުގެ ބޯޓްތައް ދަތުރު ކުރުން މަނާ ކުރުމެވެ.
އެއްބަސްވުމުގެ ނަތީޖާ ފެންނަން ފެށި އެވެ. ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި އިރު 100 އަހަރަށް، އަހަރަކު 2000 ޕައުންޑަށް އިނީޝިއަލް އެގްރިމެންޓްގެ ދަށުން ދެވިފައިވާ އައްޑޫ 30 އަހަރުގެ މުއްދަތަކަށް ކުޑަކުރެވުނެވެ.
އޭރު ރާއްޖޭގެ އިތުރުން ލަންކާ އާއި އިންޑިއާ ވެސް އޮތީ އިނގިރޭސީންގެ އަތްދަށުގަ އެވެ. އިންޑިއާ މިނިވަން ވުމަށް ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވާން ޖެހުނު އިރު އިނގިރޭސީން ރާއްޖޭގައި "ވަކި ހިތްޕައިފައި" ނެތީމަ އެކަހަލަ ކަމެއް ދިމާނުވާ ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބިގޮތް ވަރަށް ތަފާތު އަޅުގަނޑުމެންގެ ކައިރީގައި ހުރި އެހެން ގައުމުތަކާ، މި ދެންނެވީ އިންޑިއާ، ސިލޯން މިތަންތަން. އެތަންތާގައި އިނގިރޭސީންގެ ބޮޑެތިބޮޑެތި ބާރުތައް އޮތް އެތައް ބަޔަކު ތިބި. ދިވެހި ރާއްޖޭގައި އެކަހަލަ އެއްވެސް ކަމެއް ނެތް،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަސް!
ސައްތާރު ވިދާޅުވާ ގޮތުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ރާއްޖެ މިނިވަންވުމުގެ އެގްރިމެންޓުގައި 1965ގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކުރުމަށް ލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ދިޔައީ އެ ދުވަހު 10 ޖެހިއިރު އެވެ. ރާއްޖޭގެ ފަރާތުން ވަޑައިގަތީ ބޮޑުވަޒީރު ނާސިރުގެ އިތުރުން މަރުހޫމް ކަނޑި އަހުމަދު އިސްމާއިލް އާއި ކޮލި އަލިމަނިކާއި އަބްދުއްސައްތާރެވެ. އެއާއެކު 10:20 ކަންހާއިރު މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.
"އެއް ކަހަލަ ދެ އޮރިޖިނަލް ބޭއްވިފަ އޮތީ. ދެން ނާސިރު ސޮއިކުރެއްވީމާ މިސްޓަރު ހީޕް އަތަށް ދިނީމަ އޭނަ ހައިކޮމިޝަނަރުގެ އަރިހަށް. ހައިކޮމިޝަނަރު ސޮއިކުރެއްވީމަ އަޅުގަނޑަށް ދިނީމަ އަޅުގަނޑު ޕާސް ކުރަނީ، ދެން ސޮއިކުރެއްވީ. ދެން އަނެއްކާވެސް އެއްކަލަ ދޭތި [އެގްރިމެންޓް] ބަދަލު ކުރައްވަނީ. އޭގެ ތެރެއިން އެއް އަސްލު މިކޮޅަށް އަނެއް އަސްލު އެމީހުންނަށް،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މިނިވަން ވުމުގެ އެއްބަސްވުމުގެ އިތުރުން އެދުވަހު އެހީގެ ދެ ލިޔުމެއްގައި ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ކޮންކްރިޓް މަސައްކަތުން ކުރި އިމާރާތް ކަމަށްވާ ސެންޓްރަލް ހޮސްޕިޓަލާ މެޑިކަލް ލޯންޗެއް ދެއްވި ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނާސިރު ގެއަށް ވަޑައިގެން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ގަލަން އަބްދުއްސައްތާރަށް ދެއްވި އެވެ. އަބްދުއްސައްތާރު ވިދާޅުވީ ގަބޫލުކުރައްވާ ގޮތުގައި އެގަލަން އޭނާއަށް ދެއްވީ ރާއްޖެ މިނިވަން ކުރަން "ކުރެވުނު މަސައްކަތް ގަބޫލު ކުރެއްވީމަ" ކަމަށެވެ.
ރާއްޖެއަށް މިނިވަންކަން ލިބުމާ އެކު އަބްދުއްސައްތާރު ވަނީ އެކަން މެސެޖެއްގެ ޒަރީޔާއިން ރާއްޖެއަށް އަންގާފަ އެވެ. ރާއްޖެއިން މެސެޖް ލިބިވަޑައިގަތީ ދާހިލީ ވަޒީރު އިބްރާހީމް ރަޝީދު އަށެވެ.
"އަޅުގަނޑަށް މެސެޖެއް އަތުވެއްޖެ. މެސެޖުގައި އޮންނަނީ މިއަދު 10 ޖެހިއިރު އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެގްރިމެންޓުން ދިވެހި ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ހަމަޖެހިއްޖޭ އެހެންވީމަ ތިޔަ ކޮޅުން ފެންނަ ގޮތަކަށް އަމަލު ކުރާށޭ އެކަމަކު މިކަން އިއުލާން ކުރަންވާނީ މާލޭ ގަޑިން 4:00 ގެ ފަހުންނޭ. އެއީ ބީބީސީން އެކަން އިއުލާން ކުރާނޭ މާލެގަޑިން 4 ޖަހާއިރު،" ރަޝީދު ވިދާޅުވި އެވެ.
މިނިވަންކަން ލިބުމާ އެކު ދީނީ ގޮތުން ކުރަން އެންމެ ރަނގަޅު ކަމެއް ބެލުމަށް ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޖަމީލް ދީދީ އަށް ދެންނެވުނެވެ. އެމަނިކުފާނު ވިދާޅުވި ކަމަށް ރަޝީދު ވިދާޅުވީ، މިނިވަންކަން ލިބުމުން އެންމެ ރަނގަޅު ގޮތަކީ ﷲ އަށް ސަޖިދައެއް ޖެހުން ކަމަށެވެ. އެކަމަކީ ދެ ރަކުއަތް ނަމާދެއް ކުރުމަށް ފަހު ކުރެވޭ ކަމަކަށް ވިދާޅުވުމުން އެ ރޭ 7:00 ގައި ހުކުރު މިސްކިތުގައި ޞަލަވާތެއް ކިޔަވައި މާތްﷲ އަށް ޝުކުރުގެ ސަޖިދަ ކުރުން ބޭއްވި ކަމަށް ރަޝީދު ވިދާޅުވި އެވެ. އެއަށްފަހު އޭގެ އަނެއް ދުވަހު މާލޭގައި ރޫޓް މާޗެއް ބޭއްވި ކަމަށާއި އެ އުފާކުރުންތަކަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ނަޒަރުގައި މިނިވަންކަމުގެ ބަތަލު ނާސިރު!
އަބްދުއްސައްތާރު:
"ވަރަށް ސްޓްރިކްޓް ޑިސިޕްލިނަރެއް. އެއީ ކަންތައް ކުރަންވާ ގޮތަށް ގަވައިދެއް އޮތިއްޔާ ގަވައިދާ އެއްގޮތަށް ގާނޫނެއް އޮތިއްޔާ ގާނޫނާއި އެއްގޮތަށް މީހުން ކުރޭ ތޯ ބައްލަވާ. ހުރިހާ ކަމެއް އެގޮތަށް ބައްލަވާ ބޭފުޅެކޭ. އަނެއްކާ ވެރިއެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރައްވަން ނުޖެހޭ ވަރަށް ކަންތައްތަކުގެ ތަފްސީލު އެނގި ވަޑައިގަންނަވަން ބޭނުންފުޅުނުވެ ހުދު އެމަނިކުފާނު ނިކުމެވަޑައިގެން ބައްލަވާނެ ނުވަތަ ހޯއްދަވާނެ."
އިބްރާހިމް ރަޝީދު:
"ވަރަށް ރަނގަޅަށް ބައްލަވާނެ ކޮންމެ ކަމެއް ވެސް. ވަރަށް ވިސްނާ ވަޑައިގެންފައި ކުރައްވާނީ ވަރަށް ބޮޑަށް މަޝްވަރާ ކުރަން ޖެހޭ ކަންކަމުގައި މަޝްވަރާ ވެސް ކުރައްވާފައި."
ސިޔާސީ ސަބަބުތަކެއް ކުރިމަތިވެ އެންމެ ފަހުން މިނިވަންކަމުގެ ބަޠަލު އިބްރާހީމް ނާސިރު ވަނީ ރާއްޖެ ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ފަހުން ދުވަސްތަކެއް ފަހުން މި ދެބޭފުޅުންނާ ނާސިރު ދިމާވެ އެވެ. ރާއްޖެ މިނިވަން ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ރާއްޖެ ދޫކޮށް ވަޑައިގަތުމަށް ފަހު، ބައްދަލުވާ ބައްދަލުވުންތަކުގައި ރާއްޖޭގެ ނަންވެސް ނާސިރު ނުގަންނަވާ ކަމަށް އެދެބޭފުޅުން ވެސް ވިދާޅުވެ އެވެ.
"ރާއްޖެއޭ ވެސް ވިދާޅުނުވާނެ، ރާއްޖެއޭ ސަރުކާރޭ އެއްވެސް، އަޅުގަނޑަށް އެނގިގެން މީހަކު ދައްކަން ވެސް އެއްބަސްވެވަޑައިނުގަންނަވާނެ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
ރާއްޖެ މިނިވަން ކަން މަތީ ދެމިއޮތުމަށް:
އަބްދުއްސައްތާރު:
"ދުއާ އަކީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މިނިވަންކަން ދެމިއޮތުން. މިނިވަންކަން ރާއްޖެއަށް ލިބިފައި މި އޮތީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން. ޒުވާނުންނަށް ބުނެލަން އޮތީ ރާއްޖޭގެ މިނިވަން ކަމަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާށޭ. ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ކަހަލަ ގެއްލުމެއް އަންނާނެ ކަމެއް ނުކުރާށޭ. ކުރެވުނު މަސައްކަތްތަކާއި ހޯދިފައިހުރި މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް އަޅުގަނޑުމެން ދިވެހި ރައްޔިތަކު ކޮށްގެން ނުވާނޭ، ނުކުރާށޭ."
އިބްރާހިމް ރަޝީދު:
"އުންމީދަކީ މި ގޮތަށް އޮންނާނެ ކަމަށް، އެބާރު އޮތީ ދިވެހި ރައްޔިތުންގެ އަތުގައި. ދެކެވޭ ވާހަކައަކުން ނުވަތަ ދެއްކޭ ވާހަކައަކުން ނުރައްކާކަމެއް އަތުވެދާނެ."