ބަޔާނަކީ ރެއާލަށްވުރެ ބޮޑު ޓީމެއް ކަމަށް ބުނެފައެއް ނުވާނެ: ރޮޑްރިގޭޒް

ލޯނުގެ ދަށުން ބަޔާނަށް ކުޅެމުންދާ ހަމޭސް ރޮޑްރިގޭޒް ---

ބަޔާން މިއުނިކަކީ ރެއާލް މެޑްރިޑަށްވުރެ ބޮޑު ޓީމެއް ކަމަށް ބުނެފައި ނުވާނެ ކަމަށް ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ރޮޑްރިގޭޒް ވަނީ ރެއާލުން ދެ އަހަރުގެ ލޯނެއްގެ ދަށުން ބަޔާންއާ ގުޅިފައެވެ. އެ ލޯނު އެއްބަސްވުމުގައި ވާގޮތުން ރެއާލުން ބަޔާނަށް ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ވެސް ގެންދެވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ދާދި ފަހުން ޖަރުމަނުގެ ނޫހެއް ކަމަށްވާ ސްޕޯޓްސް ބިލްޑަށް ދިން އިންޓަވިއުއެއްގައި ބަޔާނަކީ ރެއާލްއެކޭ އެއްގޮތަށް ބޮޑު ކްލަބެއް ކަމަށާއި ނުވަތަ ރެއާލަށްވުރެ ބޮޑު ކްލަބެއް ކަމަށް ރޮޑްރިގޭޒް ބުނި ނަމަވެސް އޭނާ ވަނީ އެކަން ޓުވިޓާ މެދުވެރިކޮށް ދޮގުކޮށްފައެވެ.

"އެއީ ދޮގެއް. އަހަރެން އެހެން ބުނެފައެއް ނުވާނެ. އަހަރެން ފުރިހަމައަށް ރެއާލަށް އިހުތިރާމް ކުރަން. އަހަރެންނާ ބެހޭގޮތުން އެފަދަ ވާހަކަތައް ނުދައްކާ، އަހަރެން އެކަނި ދޫކޮށްލާ. އަހަރެން މިހާރު ސްޕެއިން ދޫކޮށްލައިފިން. ޝުކުރިއްޔާ،" އޭނާގެ ޓުވިޓާގައި ލިޔެފައިވެއެވެ.

މިދިޔަ ސީޒަނުގައި ރެއާލުން 33 މެޗެއްގައި ރޮޑްރިގޭޒް ފެނިފައިވާއިރު، އޭނާ ވަނީ ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައެވެ. އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިދިޔަ އަންގާރަ ދުވަހު 3-2 ލަނޑުން ޗެލްސީ އަތުން ބަޔާން މޮޅުވި މެޗުގައި ފުރިހަމަ ވަގުތު ރޮޑްރިގޭޒް ކުޅުނު ނަމަވެސް، އޭނާއަށް އެ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް