ސ. ގަން ދޫގަސް ގެސްޓު ހައުސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅޭގޮތުން އަމަލު ކުރާނެ ގޮތެއް އަދިވެސް ނިމިފައިނުވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
ދޫގަސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ހަވާލުކުރި އެމްވީކޭ ކުންފުންޏަށް 50 އަހަރަށް، ސަބްސިޑީގެ ގޮތުގައި ދިން ތަނެކެވެ. ގަން އައިލެންޑް ރިޓްރީޓް"ގެ ނަމުގައި، އެމްވީކޭ އިން ރިސޯޓެއްގެ ގޮތުގައި ދޫގަސް ހުޅުވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް އެތަނުގެ އެގްރީމެންޓް ސަރުކާރުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބާތިލު ކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެތަން ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދައްކާ އެތަން އެމްޕީއެލްއާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވާ ކަމަށް ކުރީގެ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވިއެވެ.
ނަމަވެސް އެމްވީކޭއިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭންކް އޮފް ސިލޯނުން ނެގި 2،700،000 ޑޮލަރުގެ ލޯނަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ ދޫގަސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ހައްގު ބީއޯސީއަށް ލިބިގެންވާ ކަމަށް ހުކުމް ކޮށްފައެވެ.
އެ މައްސަލައާ ގުޅޭގޮތުން އެމްޕީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ބީއޯސީއަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށެވެ. އެހެންކަމުން އެމްޕީއެލްއާ އަދި ދޫގަސް ހަވާލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދޫގަސްގެ މައްސަލަ ޕޮލިސީ ލެވެލްގައި އަދި ނުނިމޭ. ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ގޮތެއް ނިމި، އެތަން ހަވާލު ކުރީމަ އަޅުނގަޑުމެންނަށް އެކަމުގައި ކުރިއަށް ދެވެން އޮތީ،" އެމްޑީ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، 50 ކޮޓަރި ހިމެނޭ ދޫގަސްގައި ހުރި ބައެއް ކޮޓަރި ތަކަކީ މިހާރު ވެސް އޮޕަރޭޓް ކުރެވޭ ފެންވަރުގައި ކަމަށާއި މިހާރަށް ވެސް އެތަން ލިބިއްޖެނަމަ، ތިން މަސް ދުވަހުގެ ތެރޭގައި އެތަން އޮޕަރޭޓް ކުރަން ފެށޭނެ ކަމަށެވެ.
އަދި ވިދާޅުވީ، ބާކީ ހުރި ކޮޓަރިތައް މަރާމާތު ކުރުމަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި އެއްކޮށް އެތަން އޮޕަރޭޓް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.