މިދިޔަ މަހު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ދަށްވެއްޖެ

ފަތުރުވެރިން މާލޭގައި: މިދިޔަ މަހު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ދަށްވެއްޖެ -- ސަން ފޮޓޯ/ މުހައްމަދު އަފްވާން

މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރާއްޖެއައި ފަތުރުވެރިންނާ އަޅާ ބަލާއިރު މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްވެފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ފެބްރުއަރީ މަހު 214،091 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރާތްކުރީ 217،391 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 3،300 ފަތުރުވެރިންގެ ދަށްވުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަކީ ޗައިނާ ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ.

މިދިޔަ މަހު ފަތުރުވެރިން ޒިޔާރާތްކޮށްފައިވަ މާކެޓުތަކަށް ބަލާއިރު:

  • އިނގިރޭސިވިލާތް: 23،210 ފަތުރުވެރިން
  • ޗައިނާ: 21،928 ފަތުރުވެރިން
  • ރަޝިއާ: 20،649 ފަތުރުވެރިން
  • އިޓަލީ: 19،120 ފަތުރުވެރިން
  • ޖާމަނީ: 14،119 ފަތުރުވެރިން
  • ފްރާންސް: 10،590 ފަތުރުވެރިން
  • އިންޑިއާ: 10،253 ފަތުރުވެރިން
  • ޔުނައިޓެޑް ސްޓޭޓްސް: 6،448 ފަތުރުވެރިން
  • ސްވިޓްޒަލެންޑް: 5،399 ފަތުރުވެރިން
  • ޕޯލޭންޑް: 5،354 ފަތުރުވެރިން

މީގެ ކުރިން ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ފަތުރުވެރިން މާލޭގައި:މިދިޔަ މަހު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ދަށްވެއްޖެ -- ސަން ފޮޓޯ/ މުހައްމަދު އަފްވާން

ފެބްރުއަރީ މަހު އާންމުކޮށް ދުވާލެއްގެ މައްޗަށް 7،646 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން ފެބްރުއަރީ މަހު އެންމެ ގިނައިން ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 9،518 ފަތުރުވެރިންނެވެ. އެންމެ މަދުން ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 5،479 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް މުޅި ޖުމުލަ 457،940 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. ފަތުރުވެރިން ރާއްޖެ އައިސް ހޭދަކުރާ ދުވަސް އިތުރުކުރުމަށް ޓަކައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް