ޗައިނާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް އަރައި، މިހާތަނަށް ޖުމްލަ 451،554 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖަނަވަރީ މަހު 214،863 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް 214،091 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި މި މަސް ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 22،600 ފަތުރުވެރިން ޒިޔާރާތްކުރިއެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު، 4.8 ޕަސެންޓު ކުރިއެރުމެކެވެ.
އެއާއެކު ޖުމްލަ ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވާއިރު، މާކެޓުގެ އެއްވަނައިގައި އޮތީ 59،938 ފަތުރުވެރިންނާއެކު ޗައިނާއެވެ. އެއީ މާކެޓުގެ 13.3 ޕަސެންޓު ހިއްސާއެވެ. ދެވަނައިގައި އޮތް ރަޝިއާއިން 45،073 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އިނގިރޭސިވިލާތުން 44،628 ފަތުރުވެރިން އައިސްފައިވެއެވެ.
ކުރިން ރާއްޖޭގެ އެއްވަނަ މާކެޓުގައި އޮތް އިންޑިއާ މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި: މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައި ----
މާކެޓުގެ އިތުރު ބައެއް ގައުމުތަކާއި އެ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދަކީ:
- އިޓަލީ އިން 42،349 ފަތުރުވެރިން
- ޖަރުމަނު: 28،421 ފަތުރުވެރިން
- އިންޑިއާ: 21،335 ފަތުރުވެރިން
- ފްރާންސް: 18،755 ފަތުރުވެރިން
މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގައި އެވަރެޖުކޮށް، ފަތުރުވެރިން ހޭދަކުރަނީ 7.2 ދުވަހެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ 61،889 އެނދު އެބަހުއްޓެވެ. އޭގެތެރެއިން، 43،329 އެނދު ހިންގަނީ ރިސޯޓުތަކުގައި ކަމަށްވާއިރު، ގެސްޓްހައުސްތަކުގައި ހިންގަނީ 13،388 އެނދެވެ. އަދި، ބާކީ 2،032 އެނދުތައް ހުރީ ހޮޓާތަކުގައެވެ.
މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. ފަތުރުވެރިން ރާއްޖެ އައިސް ހޭދަކުރާ ދުވަސް އިތުރުކުރުމަށް ޓަކައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.