"ގޭން އައިލެންޑް ރިޓްރީޓް" ނަމުގައި ދޫގަސް ހުޅުވައިފި

ފުވައްމުލަކާއި އަދި އައްޑޫގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސާ ގޮތަށް ޝަރުތުކޮށް، ބީލަމަކާ ނުލައި އެމްވީކޭ އަށް ކުއްޔަށް ދިން އައްޑޫ ސިޓީގެ ގަމުގެ، ދޫގަސް "ގޭން އައިލެންޑް ރިޓްރީޓް"ގެ ނަމުގައި ހުޅުވައިފި އެވެ. އެމްވީކޭ އިން ދޫގަސް ތަރައްގީކޮށް ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެނެވެ.

އެމްވީކޭގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަފީގު މިއަދު ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި މިހާރު ދޫގަސް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި ދޫގަސް ތަރައްގީކޮށްފައި ވަނީ 50 ކޮޓަރީގެ ރިސޯޓެއްގެ ގޮތުގައި ކަމަށެވެ. ރިސޯޓެއްގެ ގޮތުގައި ހުޅުވީ ރިސެޕްޝަން އޭރިޔާ އާއި ބާ އަކާއި ރެސްޓޯރެންޓެއް މުޅިން އަލަށް ހެދުމަށް ފަހުގައި ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެހެން ރިސޯޓްތަކެކޭ އެއް ގޮތަށް ދޫގަހުން ވެސް މިހާރު ބަނގު ރަލުގެ ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

މީގެކުރިން ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ބޭނުން ކުރި އިރު ދޫގަހަކީ ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނަ ތަނެއް ނޫނެވެ.

އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ އިއްޔެ ވިދާޅުވީ ދޫގަހަކީ މީހުން ދިރި ނޫޅޭ ރަށެއްގައި ހަދާފައިވާ ތަނަކަށް ނުވުމުން ރާވިއްކުން ހުއްދަ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"[ދޫގަހާ] ޖެހިގެން އޮތް އީކުއޭޓާ ވިލެޖަށް ރާވިއްކުމުގެ ހުއްދަދީފައިވާ އިރު ދޫގަހަށް އެ ހުއްދަ ނުދޭންވީ ސަބަބައެއް ނެތް،" ރާޒީ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭޑިއޯ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދޫގަހަކީ މިހާރު ރީތި ހޮޓަލެއް ކަމަށާއި އެތަން ހިންގަން 140 އަށް ވުރެ ގިނަ ދިވެހިން ހަރަކާތްތެރި ވަނީ އެންމެ ފަސް ބިދޭސީންނާ އެކު ކަމަށެވެ.
"... މި ހޮޓަލުން ސާކް ސަމިޓަށް ވަރަށް ރަނގަޅު އެކަށީގެންވާ ޚިދްމަތްތަކެއް ދޭނެކަމީ، އަޅުގަނޑަށް އެ ހޮޓަލްގެ މެނޭޖްމަންޓް ވަރަށް ބޮޑު ޔަޤީންކަމެއް ދެމުން އަންނަ ކަމެއް،"

ގަމުގެ ދޫގަހަކީ އައްޑޫ އާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތްދޭ އެމްވީކޭ މޯލްޑިވްސް އަށް ސަރުކާރުން 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ތަނެކެވެ. އެންމެ ދެކުނުގެ ދެ އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް، ޝަރުތުކޮށް އެމްވީކޭ އަށް ބައި ގަރުނަށް ދޫގަސް ދީފައި ވަނީ ގާނޫނު އަސާސީ އާއި ޓޫރިޒަމްގެ ގާނޫނާއި މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ކުރިން ބުނެފަ އެވެ. އެމްވީކޭ އަށް ދޫގަސް ދީފައި ވަނީ އޮކްޓޫބަރު 8، 2009 ގަ އެވެ.

ގަމުގެ ދޫގަހަކީ، ރާއްޖޭގައި ހިންގަމުން އައި އެންމެ ގިނަ ދުވަސްވީ އެއް ގެސްޓް ހައުސްއެވެ. ގަމުގައި އަސްކަރީ މަރުކަޒު ހަދައިގެން ތިބި އިނގިރޭސިން އައްޑު އަތޮޅުން ފޭބި ހިސާބުން ފެށިގެން ދޫގަސް ބޭނުން ކުރަމުން އައީ ސަރުކާރުގެ ގެސްޓު ހައުސްއެއްގެ ގޮތުގަ އެވެ. ސަރުކާރުން ދޫގަސް އެމްވީކޭ އަށް ދިނީ ވެސް ބޭނުންކުރަމުން އަންނަނިކޮށެވެ.

އޭރު ދޫގަހުގައި 90 ވަރަކަށް މީހުންނަށް އެއް ފަހަރާ ހިދުމަތް ދެވޭވަރުގެ ރެސްޓޯރަންޓަކާއި މަތީ ފެންވަރުގެ މެހެމާނުންނަށް ކާބޯތަކެތި ތައްޔާރުކުރާ ތަނަކާއި 150 ވަރަކަށް މީހުންގެ ޖާގައިގެ ހޯލަކާއި ލޯންޑްރީގެ ހިދުމަތް ވެސްދެ އެވެ. އަދި ދެ ޑިލަކްސް ކޮޓަރި އާއި 18 ސްޕީރިޔާ ކޮޓަރި އާއި އޭސީ އާއި ނޮން އޭސީ 27 ކޮޓަރި ވެސް ދޫގަހުގައި ހުއްޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު