އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބައެއް މެމްބަރުން ގޮނޑި ގެއްލުނު ކަމަށް ނިންމި ނިންމުމަކީ ބަލަންވާ ވަރަށް ނުބަލައި ނިންމި ނިންމުމެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިމަހު 13 ވަނަ ދުވަހު ސްޕުރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އެދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ވަނީ ނިންމައިފަ އެވެ. އަދި އެމެމްބަރުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފަ އެވެ.

ޕީޕީއެމްއިން ވަކިކުރި ހަތަރު މެމްބަރުން -- މަޖިލިސް ފައިލް ފޮޓޯ
ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވީ މެމްބަރުކަން ގެއްލިއްޖެ ކަމަށް އީސީ އިން ނިންމާފައިވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދަކީ، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވި މެންބަރެއް ކަމާއި އޭނާ ޕާޓީއަކާ ގުޅުނީ އޭގެ ފަހުންކަން، އެއީ، އާންމުކޮށް އެންގެން ހުރި މަޢުލޫމާތު ކަމަށްވާ އިރު އޭނާ ސުޕްރީމް ކޯޓުގެ ހުކުމުގެތެރެއަށް ވަންނާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
ކުރިން ޕާޓީއަކުން ކަނޑާލިކަން އަންގާފައިވާ މެންބަރުނާއި ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ވަކިކުރުމުގެ އިޖުރާޢަތުތައް ފެށިފައިވާ ނުވަތަ ނިމިފައިވާ މެންބަރުންނަކީ، ސުޕްރީމް ކޯޓުގެ ޙުކުމާއި އަމުރުގެ ތެރެއަށް ނުވަންނަ މެންބަރުންކަމަށް ބެލުމުގެ ސާފު ޖާގަ އެބައޮތް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
އެފުރުސަތު އެގޮތަށް އޮތުމާ އެކު ގޮނޑި ހުސްވި ކަމަށް ކަނޑައެޅި މެންބަރުންގެ ތެރޭގައި ހޮވުނު އިރު އެހެން ޕާޓީއެއްގައި، އަދި ވަކިވިއިރު އެހެން ޕާޓީއެއްގައި ހުރި މެންބަރަކު ވެސް ހުރިކަން ނަޝީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އީސީގެ މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ނަޝީދު ވިދާޅުވެފައި ވަނީ ދައުލަތުގެ މިނިވަން މުއައްސަސާއަކުން މަސްއޫލިއްޔަތު އަދާކުރުމުގައި، މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަންވާނީ، ބަލަން ޖެހޭ ހުރިހާ ބެލުންތަކެއް ބެލުމަށް ފަހު، ޝައްކަކަށް ޖާގަ ނުލިބޭވަރަށް ކަންކަން ޔަގީންކުރުމަށްފަހުގައި ކަމަށެވެ.
"ޕާޓީއަކުން އެދޭގޮތަށް ޢަމަލު ނުކޮށްގެން އެ ޕާޓީން މެންބަރު ވަކިކުރި ނަމަވެސް، އެމީހުންދެކެ އީސީގެ މެންބަރުން ހިތްހަމަނުޖެހެން ޖެހޭ ސަބަބެއް ނެތެވެ. އަދި، އެއީ، އެ މެންބަރުންނާ މެދު ފިޔަވަޅުއެޅުމުގައި، 'ޑިޔު ޑިލިޖެންސް'ގެ އުސޫލުން ޢަމަލުނުކުރަންވީ ސަބަބެއް ވެސް ނޫނެވެ." ނަޝީދު ލިޔުއްވާފައިވެ އެވެ.