އޭޑީއެޗްޑީގެ ބޭސް ނުލިބޭ މައްސަލައިގައި ބޭސް ކުންފުނީގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ ބޭސް ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދިއްޖެ --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އޭޑީއެޗްޑީ ތަހައްމަލުކުރާ ކުދިންނަށް ދޭ މެތައިލްފެނިޑޭޓް ބޭސް ނުލިބޭ މައްސަލައިގައި، ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ. މެންބަރު ފާހަގަކުރެއްވި ގޮތުގައި މި ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ހާލަތު ދަނީ ގޯސްވަމުންނެވެ. އަދި އާއިލާތަކުން ބޭސް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ ބޮޑު ތަކުލީފެކެވެ.

  • އޭޑީއެޗްޑީއަށް ފަރުވާކުރާ ބޭސް ރާއްޖެއިން ނުލިބޭ މައްސަލަ
  • ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރުމަށް މެންބަރު އެދިވަޑައިގަތުން
  • ބޭސް ހޯދުމަށް އާއިލާތަކުން ރާއްޖެއިން ބޭރަށް ދާންޖެހޭކަމުގެ ކަންބޮޑުވުން
  • މީގެ ކުރިންވެސް މި މައްސަލަ މަޖިލީހަށް ހުށަހަޅައި ބޭރުކޮށްލާފައިވުން

ރާއްޖެއިން ބޭސް ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގެންފައިވަނީ، ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން އަސާސީ ބޭސްތަކުގެ ލިސްޓު މުރާޖައާކުރާ ކޮމިޓީގެ މެންބަރުން ހާޒިރުކޮށްދިނުމަށެވެ.

މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، އޭޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސޯޑާ (އޭޑީއެޗްޑީ) ތަހައްމަލުކުރަމުންދާ ކުދިންނަށް ދެވޭ އެންމެ މުހިންމު ފަރުވާ ކަމުގައިވާ "މެތައިލްފެނިޑޭޓް" ރާއްޖެއިން ފަސޭހައިން ނުލިބޭކަމުގެ ޝަކުވާ އާންމުން ދަނީ ހުށަހަޅަމުންނެވެ.

https://sun.mv/220589

މި ބޭހަކީ އެ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާއިރު، އެ ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކުގައި ވެސް ބައިނަލްއަގުވާމީ އުޞޫލުތަކާ އެއްގޮތަށް މި ބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މެތައިލްފެނިޑޭޓް ދަނީ ފޯރުކޮށްދެމުންނެވެ. ރާއްޖެއިން މި ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިންތަކެއް މި ބޭސް ހޯދުމަށް އަވައްޓެރި ޤައުމުތަކަށް ދާންޖެހުމަކީ އެފަދަ އާއިލާތަކަށް ލިބޭ ނިކަމެތިކަމެކެވެ،" ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/219430

ރާއްޖޭގައި ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އާ ކުންފުންޏެއް އުފައްދައި، އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވީ ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކަށް އަދިވެސް ހައްލެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް ކުޑޫ ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ނަމަވެސް، އެ ފަހަރު ޕީއެންސީގެ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހަކީ ބޭސް ސިޓީއަށް ސަލާން ޖެހުން އަލުން އިއާދަވި ދުވަސްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، މި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީވުމަކީ މުހިންމު ކަމެއް ކަމަށް މެންބަރު ކުޑޫ ވިދާޅުވިއެވެ.

comment ކޮމެންޓް