ޗެލްސީއަށް އާދެވުނީ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވެފައި ހުއްޓާ: މޮރާޓާ

ޗެލްސީގެ ޓްރެއިނިން ސެޝަނެއްގައި ފުރަތަމަ ފަހަރަށް މޮރާޓާ ބައިވެރިވަނީ: އޭނާ ޗެލްސީގެ ޖާޒީގައި ފުރަތަމަ ފަހަރަށް މިއަދު ފެނިގެންދާނެ --- ފޮޓޯ/ ޗެލްސީ

ޗެލްސީއަށް އާދެވުނީ އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވެފައި ހުއްޓާ ކަމަށާއި އެކަމާމެދު ވަރަށް އުފާކުރާ ކަމަށް ރެއާލް މެޑްރިޑުން ޗެލްސީއާ ގުޅުނު ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަން ރެއާލް ދޫކޮށް އިނގިރޭސި ޗެމްޕިއަން ޗެލްސީއާ މޮރާޓާ ގުޅުނީ 70 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ ޗެލްސީގެ ރެކޯޑު އަގަކެވެ.

ރެއާލުން 2014 ވަނަ އަހަރު މޮރާޓާ ޔުވެންޓަސްއަށް ގެންގޮސްފައިވަނީ ވެސް ކޮންޓޭއެވެ. ނަމަވެސް މޮރާޓާ އެ ކްލަބާ ގުޅުނުތާ މަހެއްހާ ދުވަސް ފަހުން ކޮންޓޭ ވަނީ ޔުވެންޓަސް ދޫކޮށް، އިޓަލީ ގައުމީ ޓީމާ ހަވާލުވެފައެވެ. އެހެންކަމުން އޭރު ކޮންޓޭގެ އިރުޝާދުގެ ދަށުން މޮރާޓާއަށް ގިނަ މެޗުތަކެއް ކުޅެވިފައެއް ނުވެއެވެ.

މޮރާޓާ ބުނީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން ކޮންމެވެސް ދުވަހަކުން ކޮންޓޭއާއެކު މަސައްކަތްކުރުމަށް ފުރުސަތެއް ލިބޭނެ ކަމަށް އުންމީދުކުރަން ފެށުނު ކަމަށާއި މިހާރު އެކަން ފުރިހަމަވެގެން ދިއުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެންނަށް އެނގޭ ކުރިން ވެސް ކޮންޓޭ އަހަރެން ބޭނުންވެގެން އުޅުނުކަން. އަދި އަހަރެން ވެސް ހުރީ އޭނާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވެފައި. އޭނާގެ އިރުޝާދުގެ ދަށުން ކުޅެން އަދި އެކުގައި މަސައްކަތްކޮށް ޗެލްސީއަށް ކާމިޔާބީ ހޯދައިދިނުމަށް މިހުރީ ކެތްމަދުވެފައި،" އޭނާ ބުންޏެވެ.

މޮރާޓާ ބުނީ، ކުރިން 2014 ވަނަ އަހަރު ކޮންޓޭ އިޓަލީ ގައުމީ ޓީމާ ހަވާލުވާން ދިއުމުން އެކަމާމެދު ވަރަށް ދެރަވި ކަމަށާއި އެކަމަކު އެ އަހަރަކީ ޔުވެންޓަސްއާއެކު ހޭދަކުރެވުނު ވަރަށް ރަނގަޅު އަހަރެއް ކަމަށެވެ. އަދި ކޮންޓޭގެ މަސައްކަތާއި އޭނާގެ މުވައްޒަފުންގެ ކަންތައްތައް އެނގޭ ކަމަށް ވެސް މޮރާޓާ ބުންޏެވެ.

"ކޮންޓޭ ވަރަށް ގިނަ ޓެކްޓިކްސްތައް ބޭނުންކުރޭ. އަދި ޓީމު ލައްވާ އޭނާ ކުޅުވަން ބޭނުންވާ ގޭމް އަހަރެންނަށް ވަރަށް ކަމުދޭ. އަދި ކޮންޓޭގެ ސިސްޓަމަށް ކުޅެން އަހަރެންނަށް އެނގޭ. އަހަރެން ބޭނުންވީ ޕްރިމިއާ ލީގަށް އަދި ކޮންޓޭގެ ޓީމަށް ކުޅެން. މިހާރު އަހަރެންނަށް ޖެހޭނީ ބުރަ މަސައްކަތްކޮށް، ޓީމަށް ގޯލުތައް ކާމިޔާބުކޮށްދޭން. މި ކްލަބުގައި ވަރަށް ރަނގަޅު ކުޅުންތެރިން ހިމެނޭ. އަދި އަހަރެން ގަބޫލުކުރަނީ މިއަހަރަކީ ޗެލްސީއަށް ކާމިޔާބު އަހަރަކަށް އަހަރެންނަށް ހަދައިދެވޭނެ ކަމަށް،" އޭނާ ބުންޏެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިއަދު ބަޔާން މިއުނިކްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި މޮރާޓާ ފެނިގެންދާނެ ކަމުގެ ޔަގީންކަން ކޮންޓޭ ވަނީ ދީފައެވެ. އެ މެޗަކީ ޗެލްސީގެ ޖާޒީގައި މޮރާޓާ ފެނިގެންދާނެ ފުރަތަމަ މެޗެވެ.

comment ކޮމެންޓް