ޒެފްރޯލާއި ކުޑަހެންވޭރު ބައިވެރިނުވާތީ، މާލޭ ލީގު ކޮލިފިކޭޝަން މުބާރާތް ކެންސަލްކޮށްފި

މިއަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލްގައި ކުޑަހެންވޭރު ޔުނައިޓެޑާއި ޒެފްރޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ ދެ ޓީމު ބައިވެރިނުވާން ނިންމުމުން އެފްއޭއެމުން ވަނީ މިއަހަރުގެ މާލޭ ލީގު ކޮލިފިކޭޝަން މުބާރާތް ކެންސަލްކޮށްފައި --- ސަން ފޮޓޯ: ފަޔާޒް މޫސާ

މާލޭ ލީގު ކޮލިފިކޭޝަން މުބާރާތުގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބު ޒެފްރޯލާއި ކުޑަހެންވޭރު ޔުނައިޓެޑް ބައިވެރިނުވާތީ، އެ މުބާރާތް ކެންސަލްކޮށްފިއެވެ.

ޒެފްރޯލާއި ކުޑަހެންވޭރު ބައިވެރިނުވާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމީ އަންނަ އަހަރުގެ މާލޭ ލީގުން ވެސް މިއަހަރުގެ ގަދަ ހަތަރަކުން ޖާގައެއް ނުލިބުނު ހަތަރު ޓީމަށް ދިނުމަށެވެ. އެހެންކަމުން ކްލަބު އީގަލްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށް ވެސް އޮޓޮމެޓިކުން އަންނަ އަހަރުގެ ލީގަށް ކޮލިފައިވާނެއެވެ.

އެފްއޭއެމުން އެގޮތަށް ނިންމުމާ ގުޅިގެން އަންނަ އަހަރުގެ މާލޭ ލީގުގައި ވެސް ވާދަކުރާނީ މިއަހަރުގެ ލީގުގައި ވާދަކުރި އަށް ކްލަބެވެ. މިއަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުނު ހަތަރު ޓީމުގެ އިތުރުން އަންނަ އަހަރުގެ ލީގުގައި ދެން ވާދަކުރާނީ މިއަހަރު ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކުޑަހެންވޭރާއި ޒެފްރޯލުން ނަން ނެގުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ޓްރާންސްފާ ޕީރިއަޑުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފައެވެ. ދިވެހި ކުޅުންތެރިންގެ ޓްރާންސްފާގެ މުއްދަތު އަންގާރަ ދުވަހުގެ މެންދުރު 2 ޖަހުމާ ހަމައަށް އިތުރުކޮށްދިން ނިންމި ނަމަވެސް، ބިދޭސީ ކުޅުންތެރިންގެ ޓްރާންސްފާ މުއްދަތަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މިއަހަރު ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މާލޭ ލީގުގެ ކޮލިފިކޭޝަންގައި މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުނު ހަތަރު ޓީމާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަޕް ވާދަކުރާއިރު، އަންނަ އަހަރު މާލޭ ލީގުން ފުރުސަތު ލިބޭނީ ކޮލިފިކޭޝަން މުބާރާތުގެ ގަދަ ހަތަރު ޓީމެވެ.

މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭއިރު، އެ ހަތަރު ޓީމާއެކު ވާދަކުރަން ޖެހޭނީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ކަމަށްވާ ދ. ކުޑަހުވަދުއާއި ގދ. ތިނަދުއާއި އއ. މާޅޮސް އަދި ށ. މިލަންދޫއެވެ. ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް