ބާސާގައި ނޭމާ މަޑުކުރާނެ: ވަލްވާޑޭ

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޔުވެންޓަސްގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ކައިރިން ބާސާގެ ނޭމާ ނައްޓާލަނީ: ޕީއެސްޖީން ދަނީ ނޭމާ ހޯދުމުގެ މަސައްކަތް ކުރަމުން --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ބާސާގެ އާ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި އިއްޔެ 2-1 ލަނޑުގެ ނަތީޖާއަކުން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ ވަނީ މޮޅުވެފައެވެ. އެ މެޗުގައި ބާސާއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދިނީ ނޭމާއެވެ.

ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ގެންދިއުމުގެ މަސައްކަތް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އިން ދަނީ މަސައްކަތް ކުރަމުންނެވެ. އިއްޔެގެ މެޗަކީ ބާސާގެ ކޯޗު ވަލްވާޑޭގެ އިރުޝާދުގެ އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

"ބާސާ ކުރިއަށްދާނީ ނޭމާއާއެކު. އަހަރެމެންނަށް އޭނާއަކީ ކިހާ މުހިއްމު ކުޅުންތެރިއެއްކަން އެނގޭ. އަހަރެމެން ބޭނުން ވަނީ އޭނާ އަހަރެމެންނާއެކު މަޑުކުރުމަށް،" އުމުރުން 25 އަހަރުގެ ނޭމާއާ ގުޅޭ ގޮތުން ބާސާގެ ކޯޗު ވަލްވާޑޭ ބުންޏެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޔުވެންޓަސްއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލިނީއެވެ.

ބާސާގެ ކޯޗު ބުނީ، އެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކިތަންމެ އުނދަގޫ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނު ނަމަވެސް މެޗު ކޮންޓްރޯލް ހޯދައިގެން ކުޅެވުނު ކަމަށެވެ. އަދި ބާސާއިން މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކުޅުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ކަޕްގައި ބާސާއިން ދެން ނުކުންނަން ޖެހޭނީ އެ ކްލަބުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭ އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުއެވެ.

comment ކޮމެންޓް