ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުން އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ޕީޕީއެމުން ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
މަޖިލީހުގެ އަމީން އާމް އަހުމަދު މުހައްމަދު ވަނީ އެކަން 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ނަމަވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން، އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެއެވެ. އެހެންކަމުން މެމްބަރު ކަމުން ވަކިވީ ކަމެއް ޔަގީނެއް ނޫނެވެ.
މީގެކުރިން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ޕީޕީއެމުން ވަކި ކޮށްފައެވެ.
އެ މެމްބަރުން ވަކިކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެދާއިރާ ތަކުގެ ބައި އިލެކްޝަންވެސް އިއުލާނު ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އެމައްސަލަ އެ ހަތަރު މެމްބަރުންގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
އެ ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މެމްބަރުންގެ ގޮނޑި ގެއްލޭ ކަމަށް އެ ހުކުމްގައިވާ ތިން ހާލަތު އިތުރަށް ތަފްސީލުކޮށްދީފައެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.