ބިދީޝާގެ މަރުގެ މައްސަލައިގައި ފިރިމީހާ ހައްޔަރުކޮށްފި

ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފްގެ 'ޖައްގާ ޖާސޫސް' އިން ފެނިގެން ދިޔަ އަސާމީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ބިދީޝާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.

ބިދީޝާ ދަންޖެހި މެރުވެފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހު، މުމްބާއީގައި އޭނާ ކުއްޔަށް އުޅެމުން ދިޔަ ގޭގެ ކޮޓަރީގަ އެވެ. ބިދީޝާގެ މަރާ ގުޅިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ދިން ބަޔާނުގައި، ކައިވެނީގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ވަނީ ބުނެފައެވެ.

ބިދީޝާގެ ފިރިމީހާ ނިޝީތު ޖާ ހައްޔަރުކޮށްފައި ވަނީ އަމިއްލައަށް މަރުވުމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައެވެ.

ބިދީޝާގެ އާއިލާ އިން ވަނީ ނިޝީތު ކައިވެނީގެ ބޭރުން އެހެން ގުޅުމެއް ހިންގާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ބިދީޝާ އަމިއްލައަށް މަރުވާ ހިސާބަށް ކަންކަން ދިޔައީ ވެސް އެހެންވެ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން މިހާރު އަންނަނީ ބިދީޝާގެ މެސެޖުތަކާއި ކޯލް ރެކޯޑިންގތައް އަޑުއަހައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ބިދީޝާގެ ހަށިގަނޑު ފެނުނީ ބިދީޝާ ފޯނަށް ޖަވާބު ނުދޭތީ ގޯހެއް އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބިދީޝާގެ ބައްޕަ އެކަން ފުލުހުންނަށް އެންގުމުންނެވެ.

ފުލުހުން ދިޔަ އިރު ގޭގެ މައި ގޭޓު ހުރީ އެތެރެއިން ތަޅުލާފައި ކަމަށާއި، ގެއަށް ވަނީ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދީޝާ އަކީ އަސާމްގައި ވަރަށް މަޝްހޫރު ފަންނާނެކެވެ. އޭނާ މުމްބާއީއަށް ބަދަލުވީ ވަރަށް ފަހުންނެވެ.

comment ކޮމެންޓް