މި މަހުގެ 12ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "އަމަރު ސިންގް ޗަމްކީލާ" ފިލްމުގައި ޕަރިނީތީ ކުޅުނު ރޯލަށް ހަށިގަނޑުގެ ބަރުދަނަށް 15 ކިލޯ އިތުރުކުރި ކަމަށް ބުނެފިއެވެ.
ނެޓްފްލިކްސްއިން ގެނެސްދޭ 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ބައިވެރިވަމުން ޕަރިނީތީ އަދި ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ ފިލްމު ސެޓުގައި ކެމެރާގެ ފުރަގަހުގައި ހިނގާދިޔަ ހެއްވާ މަޖާ ހާދިސާތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ފިލްމު "ޗަމްކީލާ"ގައި ޕަރިނީތީ ކުޅެފައި ވަނީ ޕަންޖާބުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަމަރު ސިންގް ޗަމްކީލާގެ އަންހެނުން އަމަރުޖޯތުގެ ރޯލެވެ. އަމަރު ސިންގް ޗަމްކީލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ބައޯޕިކްއަށް ޕަރިނީތީގެ ހުރިހާ ވަގުތެއް ހުސްކުރި ކަމަށާއި ހަށިގަނޑުގެ ބަރުދަން އިތުރު ކުރުމަށް ވަރަށް ބުރަ މަސައްކަތް ޕަރިނީތީ ކުރިކަމަށް އިމްތިޔާޒު ވަނީ ބުނެފައެވެ.
ޕަރިނީތީގެ ބަރުދަން އިތުރުކުރުމަށް މަޖުބޫރުވީ އަމަރުޖޯތު މާބަނޑުދި ދުވަސްވަރުގެ މަންޒަރުތައް ކުޅެން ކަމަށް އިމްތިޔާޒު މި ޝޯގައި ބުނެފައިވެއެވެ. ފިލްމީ ތަރިން ބަރުދަން ލުއިކުރަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި ބަރުދަން އިތުރުކުރުމުގެ ނިންމުމަކީ ވަރަށް ގިނަ ބަތަލާއިން ޖެހިލުންވާ ކަމެއް ކަމަށް އިމްތިޔާޒު ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އިތުރު އެއްވެސް ޝަރުތަކާ ނުލައި 15 ކިލޯގެ ބަރުދަން އިތުރުކުރުމަށް ޕަރިނީތީ އެއްބަސްވުމުން ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށް އިމްތިޔާޒު ވަނީ ބުނެފައެވެ.
ފިލްމުތަކުގައި ހަށިގަނޑުގެ ބަރުދަނަށް ބޮޑެތި ބަދަލުތައް ގެނެސް ބޭނުންވާ ގޮތަކަށް ހަށިގަނޑު ބައްޓަން ކުރުމަކީ މިހާރު ފިލްމީ ތަރިންގެ މެދުގައި އާއްމުކަމެކެވެ. އެހެންނަމަވެސް އެއީ ވަރަށް ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތުން އަންނަ ބަދަލުތައްކަން ގިނަ ތަރިން ފާހަގަކުރެއެވެ.
ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ބަތަލާ ޕަރިނީތީ އަކީ ހަށިގަނޑުގެ ބަރުދަން ވަރަށް މަތި މީހެއް ކަމަށާއި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ފިލްމީ ދާއިރާއަށް ނުކުންނަން ވެގެންކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ޗަމްކީލާ"އަށް ބަތަލާގެ ބަރުދަން އިތުރުކުރުމާ ގުޅިގެން ޕަރިނީތީ ބަލިވެއިން ކަމުގެ އަޑުތައްވެސް ތަންކޮޅެއް ކުރިން ވަނީ އަރާފައެވެ. އެހެންނަމަވެސް ޕަރިނީތީ އިނީ ބަލިވެ ނޫންކަމަށް ބަތަލާ ވަނީ ބުނެފައެވެ.