އިންޑިއާގެ މި ލަވަކިޔުންތެރިޔާއަށް އެންމެ ލަވައަކުން އެތައް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ

މީގެ އެތައް އަހަރު ކުރިޔަށް ޖެހިލާއިރު އިންޑިއާގެ ސިނަމާގައި ފާހަގަކޮށްލެވޭ އެންމެ ފުންނާބު އުސް ލަވަކިޔުންތެރިން ކަމަށްވާ ލަތާ މަންގޭޝްކަރު އަދި މުޙައްމަދު ރަފީޢުމެން ފަދަ ލަވަކިޔުންތެރިންނަށް އުޖޫރައިގެ ގޮތުގައި ލިބެމުން އައީ ކިޔާ ކޮންމެ ލަވައަކަށް 300 އިންޑިއާ ރުޕީސްއެވެ. އެއީ ގާތްގަނޑަކަށް ތިން އެމެރިކާ ޑޮލަރެވެ.

ނަމަވެސް މިއުޒިކީ ދުނިޔޭގައި ލިބެމުން އައި މަގުބޫލުކަމާއެކު މި ލަވަކިޔުންތެރިންނަށް ވެސް ލިބެމުން އައި އުޖޫރައަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭރު ލަވައަކަށް 300 ރުޕީސް ލިބުނު ނަމަވެސް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންނަށް ލިބޭ އާމްދަނީގެ އަދަދު ވަނީ އެތައް ލައްކައަކަށް އިތުރުވެފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ލަވަކިޔުންތެރިއަކީ އޭއާރް ރަހްމާނެވެ.

އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އޭއާރް ރަހްމާނަކީ ލަވަކިޔުމުގެ އިތުރުން މިއުޒިކު ކޮމްޕޯސްކޮށް ތަފާތު އެކި މިއުޒިކް އިންސްޓްރޫމަންޓްތައް ކުޅޭ ދެވަނައެއް ނެތް ފަންނާނެކެވެ. އޭއާރް ރަހްމާނުގެ އިތުރުން މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ލަވަކިޔުންތެރިންގެ ތެރޭ އަރިޖިތު ސިންގް، ޝްރެޔާ ގޯސަލް، ސުނިދީ ޗޯހާން، ނެހާ ކައްކަރު އަދި ސޯނޫ ނިގަމް ހިމެނެއެވެ. މި ނަންތަކަކީ ބޮލީވުޑްގެ މިއުޒިކޭ ބުނާއިރަށް ހިޔާލަށް ގެނެވޭ ނަންތަކެވެ. އެހެންނަމަވެސް މި ލަވަކިޔުންތެރިންނަށް ވުރެވެސް ބޮޑު އާމްދަނީއެއް އިންޑިއާގެ މިއުޒިކް އިންޑަސްޓްރީއިން ލިބޭ ހަމައެކަނި ފަރާތަކީ އޭއާރު ރަހްމާނެވެ.

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިން ކަމަށްވާ ސުނިދީ ޗޯހާން، އަރިޖީތު ސިންގު، ޝްރެޔާ ގޯސާލް އަދި އޭއާރް ރަހްމާން--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑް ފިލްމުތަކުގެ އިތުރުން ސައުތު ސިނަމާގެ ފިލްމުތަކަށް މިއުޒިކް އުފައްދާ ލަވަ ކިޔައިދީފައިވާ އޭއާރް ރަހްމާންގެ ކޮންމެ ލަވައަކުން އޭނާއަށް ތިން ކްރޯޑް ރުޕީސް (ތިންލައްކަ ފަސްދޮޅަސްހާސް ޑޮލަރު) އާމްދަނީގެ ގޮތުގައި ލިބެއެވެ. މި ޢަދަދާއެކު އޭއާރް ރަހްމާން ވެފައި ވަނީ އިންޑިއާގައި މިވަގުތު ހުރި އެންމެ އަގުބޮޑު އަދި އެންމެ ކުޅަދާނަ މިއުޒީޝަނަށެވެ.

އޭއާރް ރަހްމާނަށް ފަހު މިއުޒިކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ލަވަކިޔުންތެރިއަކީ ޝްރެޔާ ގޯސަލްއެވެ. ޝްރެޔާގެ ކޮންމެ ލަވައަކުން ލަވަކިޔުންތެރިޔާއަށް 25 ލައްކަ ރުޕީސް (ތިރީސް ހާސް އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބެއެވެ. އޭއާރް ރަހްމާންގެ މަޝްހޫރު ލަވަތަކުގެތެރޭ ފިލްމު "ދިލްސޭ"އަށް ކިޔައިދީފައިވާ 'ދިލްސޭ ރޭ' އަދި ފިލްމު "ސާތިޔާ"އަށް ކިޔައިދިން 'އޮ ހަމްދަމް ސުނިޔޮ ރޭ' ހިމެނެއެވެ.

comment ކޮމެންޓް