ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ

ޕީޕީއެމްއިން ވަކިކުރި ހަތަރު މެމްބަރުން -- މަޖިލިސް ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީ ލިބިފައިވާކަން ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.

މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން އިއްޔެގެ ވަގުތެއްގައި ވަނީ މަޖިލީހަށް އަންގައިފަ އެވެ.

އެގޮތަށް އަންގައި އިލެކްޝަނުން ފޮނުވި ސިޓީ މަޖިލީހަށް ލިބިފައިވާ ކަމަށް ބުނެ މަޖިލީހުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ.

ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ އިތުރު މައުލޫމާތުތަކެއް ނުލިބެ އެވެ.

އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް މަޖިލީހުގެ އަމީން އާންމުއާ ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މެމްބަރުންގެ ގޮނޑި ގެއްލޭ ކަމަށް އެ ހުކުމްގައިވާ ތިން ހާލަތު އިތުރަށް ތަފްސީލުކޮށްދީފަ އެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

comment ކޮމެންޓް